އޭއެފްސީ ކަޕް

އޭއެފްސީ މެޗުތަކަށް ހާއްސަ ހުއްދައެއް ދީފި

May 5, 2021
3

އޭއެފްސީ ކަޕްގެ މެޗްތަށް ކުޅުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އެވެ.

މަބްރޫކް ވިދާޅުވީ އޭއެފްސީ މުބާރާތަކީ ރާއްޖޭގެ ޓީމުތައް ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތަކަށް ވާތީ ރާއްޖޭގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޯފް އަދި މުބާރާތުގެ މެޗުތައް ކުޅެން ހުއްދަ ދޭން ނިންމީ ކޯވިޑް 19 އާއި ގުޅިގެން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އޭއެފްސީގެ ކޮވިޑް ގައިޑްލައިންތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންދާ ގޮތަށެވެ. ހެލްތު މިނިސްޓްރީއާއި އެފްއޭއެމުން އެކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"[މިމުބާރާތަށް] ޓީމުތައް ރާއްޖެއަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދައިގެން. އަދި ޓީމުތައް އައިސް ތިބެން ވެސް ޖެހޭނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެގެން. އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ކުޅުންތެރިންނަކަށް ނޯންނާނެ. އެކޮމޮޑޭޝަނުން ދަނޑަށް، ދަނޑުން އެކޮމޮޑޭޝަނަށް ދާން ޖެހޭނީ. އަދި ޓީމުތަކަށް ހިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމައުގެ ތެރެއަށް ނުކުތުމުގެ ހުއްދައެއް ނޯންނާނެ. އަދި މެޗްތައް ކުޅުމަށްފަހު ފުރާ ޓީމުތައް ޑިޕާޗާ ސާމްޕަލްއެއް ނަގަންޖެހޭނެ. އަދި ރާއްޖޭގެ ޓީމުތައް މެޗު ނިންމާފައި 14 ދުވަހުގެ ކަރަންޓީނަށް ދާންޖެހޭނެ،" މަބްރޫކް ވިދާޅުވި އެވެ.

އޭއެފްސީގެ މެޗުތަކަށް ހާއްސަ ގައިޑްލައިނެއް ހަދަމުންދާ ކަމަށާއި އެހެންކަމުން ގައިޑްލައިން ހަދައި އެއްކޮށް ނިމުމުން އެކަމުގެ މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމުގައިވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗުގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗް ރާއްޖޭގައި އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އީގަލްސް މެޗުން މޮޅުވެއްޖެ ނަމަ ގުރޫޕް ސެޓޭޖުން ފުރުސަތު ލިބޭނެ އެވެ.