ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގީ ދީނީ އިލްމުވެރިންގެ ޖަމިއްޔަތުއް ސަލަފުން ކަމަށް ދައްކާ ވާހަކަތައް އެ ޖަމިއްޔާއިން ދޮގުކޮށްފި އެވެ.
މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު އެތަނަށް ވަދެ ވަނީ ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށާއި ތަކެއްޗަށް ގެއްލުން ދީފަ އެވެ. އެމީހުން ގެންގުޅުނީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެކެވެ. ބަޔަކު ތުހުމަތު ކުރަނީ އެއީ އިދިކޮޅު ޕީޕީއެމް އަދި ސަލަފް ޖަމިއްޔާ ގުޅިގެން ހިންގި ހަމަނުޖެހުމެއް ކަމަށެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވަނީ އިދިކޮޅު ޕީޕީއެމް އަދި ސަލަފް ޖަމިއްޔާއަށް ތުހުމަތުކޮށް ވާހަކަދައްކަވައިފަ އެވެ. އެކަން ސަލަފް ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖަމިއްޔަތުއް ސަލަފަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދުން ބޭރުން ގައުމުގެ އަމްނު އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، ގައުމުގެ އަމްނާއި ސަލާމަތު ބަލަހައްޓަވާ ފަރާތްތަކާ ކުރިމަތިލައި ހިންގާ ވަޔަލެންޓް ހަރަކާތްތަކަށް ތާއީދުކުރާ ބައެއް ނޫން" ސަލަފުގެ ބަޔާނުގައި ވެއެވެ.
އެ ޖަމިއްޔާއިން ބުނެފައި ވަނީ މިއަދު ގަލޮޅު ދަނޑުގައި ހިންގި ހަރަކާތަކީ އެ ޖަމިއްޔާ އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު މަހުލޫފު މިއަދު ވިދާޅުވެފައި ވަނީ ޔޯގާ ހެދުމަކީ ދީނީ ކަމެއް ކަމަށް ސަލަފް ޖަމިއްޔާ އިން ގަބޫލުކުރި ނަމަވެސް އެއީ ދީނީ ކަމެއް ނޫން ކަމަށާއި އެއީ ކަސްރަތެއް ކަމަށެވެ. ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން ޔޯގާ ދުވަސް ފާހަގަކުރަމުން ގެންގޮސްފައިވާއިރު އެކަމަކީ ދީނީ ކަމެއް ކަމަށް ފެނިގެން އެކަން ހުއްޓުވަން ސަލަފް ޖަމިއްޔާ އިން ނިކުތީ މިއަދު އެކަނި ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އަދި ސަލަފް ޖަމިއްޔާ އާއި ޕީޕީއެމް އިން މިއަދުގެ ހަރަކާތް ހުއްޓުވީ ސިޔާސީ ގޮތުން ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ. އެހެންވެ ދީނީ މީހުން ދީނީ ކަންކަމުގައި އުޅުއްވުމަށްފަހު ސިޔާސީ ކަންކަން ސިޔާސީ ބޭފުޅުންނަށް ދޫކޮށްލުން ރަނގަޅުވާނެ ކަމަށްވެސް މަހްލޫގް ވިދާޅުވި އެވެ.
މި ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތައް ފަތިހު ނެރުނީ ޕީޕީއެމް އޮފީހުން ކަމަށްވެ އެވެ. އެ ދިދަތައް ނެރޭ ފޮޓޯތަކެއް ޓްވިޓާގައި އާންމުވެފައިވެ އެވެ.
ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.