ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ގަދަބާރުން އެ ހަރަކާތް ހުއްޓުވި މައްސަލައިގައި އިދިކޮޅު ޕީޕީއެމްއާއި ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔަތުއްސަލަފަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ތުހުމަތުތަކެއް ކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޔޯގާ ހަރަކާތް ހުއްޓުވުމުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަހްލޫފް ވިދާޅުވީ މިއަދު ހަމަނުޖެހުން ހިންގީ އިދިކޮޅު ޕީޕީއެމްގެ ބަޔަކާއި ސަލަފް ޖަމިއްޔާ ގުޅިގެން ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިއަދު ހަމަނުޖެހުން ހިންގުމުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރާ މީހުން ތިބި ކަމަށެވެ. އަދި މިއަދުގެ ހަމަނުޖެހުމަކީ އިދިކޮޅު ޕީޕީއެމް އިން އިންޑިއާއާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތާ ގުޅުވައިގެން ނާޖާއިޒު ފައިދާތަކެއް ހޯދަން ކުރި ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ޔޯގާ ހެދުން މިއަދު ކުއްލިއަކަށް ދީނީ ކަމަކަށް ހެދިއިރު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ސްޕޮންސާ ކޮށްފައިވާ ގަރާރެއް އދ. އަށް ހުށަހަޅައި ފާސްކޮށްގެން ކަމަށްވެސް މަހްލޫފް ވަނީ ފާހަގަކުރައްވާފަ އެވެ.
ސަލަފް ޖަމިއްޔާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަހްލޫފް ވިދާޅުވީ ޔޯގާ ހެދުމަކީ ދީނީ ކަމެއް ކަމަށް ސަލަފް ޖަމިއްޔާ އިން ގަބޫލުކުރި ނަމަވެސް އެއީ ދީނީ ކަމެއް ނޫން ކަމަށާއި އެއީ ކަސްރަތެއް ކަމަށެވެ. ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން ޔޯގާ ދުވަސް ފާހަގަކުރަމުން ގެންގޮސްފައިވާއިރު އެކަމަކީ ދީނީ ކަމެއް ކަމަށް ފެނިގެން އެކަން ހުއްޓުވަން ސަލަފް ޖަމިއްޔާ އިން ނިކުތީ މިއަދު އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
ސަލަފް ޖަމިއްޔާ އާއި ޕީޕީއެމް އިން މިއަދުގެ ހަރަކާތް ހުއްޓުވީ ސިޔާސީ ގޮތުން ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ. އެހެންވެ ދީނީ މީހުން ދީނީ ކަންކަމުގައި އުޅުއްވުމަށްފަހު ސިޔާސީ ކަންކަން ސިޔާސީ ބޭފުޅުންނަށް ދޫކޮށްލުން ރަނގަޅުވާނެ ކަމަށްވެސް މަހްލޫގް ވިދާޅުވި އެވެ.
"ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނޫންނަމަ ވަކި ބޭފުޅަކު ރައީސް ކަމުގައި ހުންނަ ގަޑީގައި ދެއްތޯ މިކަންކަން. މިއޮށް ހުރިހާ ދުވަހު ސަލަފަކަށް ނުފެނޭ. ސަލަފްގެ ލޯ އަނދިރި. ސަލަފްގެ ކަންފަތް ބީރުވެފައި ވެފަނޫންތޯ މިހުރީ. މިއަހަރު ޔޯގާ ހެދީމާ ދީނީ ކަމަކަށްވެފައި މިވަނީ" ސަލަފަށް ފާޑު ވިދާޅުވަމުން މިނިސްޓަރުން ވިދާޅުވި އެވެ.
ސަލަފް ޖަމިއްޔާ އަށް ތުހުމަތުތަކެއް ކުރައްވަމުން މަހްލޫފް ވިދާޅުވީ ސަލަފް ޖަމިއްޔާ އަކީ ވެސް ޖަމިއްޔާއެއް ކަމަށް ބުނެ ވެރިކަމަށް އަންނަން އުފައްދައިގެން އުޅޭ ސިޔާސީ ޖަމާއަތެއް ކަމަށެވެ. ސަލަފް ޖަމިއްޔާ އިން ދަނީ ޒުވާން އެތައް ކުދިންނެއްގެ ދުވަސް ދުއްވާލަމުން ކަމުގައިވެސް ވިދާޅުވި އެވެ. ސަލަފް ޖަމިއްޔާ އިން މިއަދުގެ ހަރަކާތް ގަދަބާރުން ހުއްޓުވި ނަމަވެސް ހުރިހާ ދުވަހަކު އެގޮތަށް ގަދަބާރުން ކަންކަން ނުކުރެވޭނެ ކަންވެސް މިނިސްޓަރު ވަނީ ސަލަފަށް ހަނދާންކޮށްދެއްވާފަ އެވެ.
"މިމީހުންނަކީ [ސަލަފަކީ] ވަރަށް އަޑި ނުބައިކޮށް އަޅުގަނޑުމެންގެ ގައުމުގައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރާ ބައެއް،" މަހްލޫފް ވިދާޅުވި އެވެ.
ސަލަފް ޖަމިއްޔާގެ އިލްމުވެރިންނަށް އަމާޒު ކުރައްވާ މަހްލޫފް ވިދާޅުވީ އެބޭފުޅުން ކިޔަވާ ވިދާޅުވި ސައުދި އަރަބިއްޔާގެ ތައުލީމީ މުގައްރަރުގައިވެސް ޔޯގާ މަޖުބޫރު މާއްދާ އަކަށް ހަދާފައިވާ ކަމަށެވެ. އެކަމަކު ސަލަފްގެ އިލްމުވެރިން އުޅުއްވަނީ އެ މީހުން ކިޔަވާ ވިދާޅުވި ތަންތަނަށް ވުރެ ވެސް ކުރީގައި ކަމަށްވެސް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ މިއަދު ހަމަނުޖެހުން ހިންގި މީހުން ވަނީ ދިވެހި ދިދައިގެ ހުރުމަތް ކަނޑާ، ޔޯގާ ހަދަން ތިބި ބައެއް މީހުންނަށް ހަމަލާދީ އަދި އެތަނުގައި ހުރި އަގުބޮޑު މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ. މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިނިސްޓަރު އެހެން ވިދާޅުވީ ޔޯގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގައި ތިއްބަވާ ބައެއް ސަފީރުންނާއި އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ވެސް އެތަނުގައި ހުންނެވުމާ ގުޅިގެންނެވެ.
މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައިވެ އެވެ.