ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަމަނުޖެހުން ހިންގި މީހުންނަށް ފިޔަވަޅު އަޅާނަން: ރައީސް

ޔޯގާ އިވެންޓަށް ހުރަސް އެޅުމަށް ބަޔަކު ގަލޮޅު ދަނޑަށް ވަދެގަންނަނީ --
0%
0%
0%

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަނޑުގައި މިހަރަކާތް ފެށީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އަދި އެތަނުގައި ތިބި މީހުން ދަނޑުން ނިކުމެގެން ދިއުމަށްވެސް އަޑުހަރުކޮށް ގޮވާފައިވެ އެވެ.

ދަނޑަށް ވަދެގަތް ބައެއް މީހުން ވަނީ އެ އިވެންޓްގެ ބައެއް ބައިވެރިންގައިގައި ޖަހައިފަ އެވެ. އަދި ހެނދުނުގެ ނާސްތާ ކުރުމަށް ގެނެސްފައިވާ ކާބޯތަކެތި ހުރި މޭޒުތައް ވެސް އުކާލައި ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ. އެ މީހުން އަމަލުކުރި ގޮތުން ޔޯގާ ހަދަން ތިބި މީހުން ވަނީ ބިރުން ދަނޑުން ނިކުމެގެން ގޮސްފަ އެވެ.

މި ހާދިސާ އާއި ގުޅިގެން ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހުންގެ މި އަމަލާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ މިކަމުގައި ޒިންމާ ނަގަން ޖެހޭ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ދިވެހި ހަ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔޯގާގެ ހަރަކާތް މިއަދު ފެށީ އެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް ސޯޝަލް މީޑިއާގައި ބަޔަކު އިންޒާރުދީ ހަދަމުން ދަނިކޮށެވެ.

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު މާލެ ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ނުދިނުމުން ފަހުން ވަނީ ގަލޮޅު ދަނޑަށް ބަދަލުކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910