ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އެންމެ ފަހުން ބޭއްވި ހަރަކާތާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނު ކަމަށް އެ ހަރަކާތް އިންތިޒާމު ކުރި ޔޫތު މިނިސްޓްރީގެ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އެ ދުވަހުގެ ހަރަކާތް ކުރިއަށް ދަނިކޮށް ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދުވަހުގެ ހަރަކާތުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރިންތޯ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން ބާއްވާ ބޮޑެތި ހުރިހާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށް އަދި ކޮންމެ ހަރަކާތަކަށް ވަކިން ސެކިއުރިޓީއާ ގުޅޭގޮތުން ފުލުހުންނާ ހިއްސާ ކުރައްވާ ކަމަށެވެ. އެގޮތުން ޔޯގާ ދުވަސް ފާހަގަކުރުމަށްޓަކައި އެކަމާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
"[ސެކިއުރިޓީ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ] މީޓިންގައި ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ހުންނާނީ ދައްކާފައި،" މަހްލޫފް ވިދާޅުވި އެވެ.
ޔޯގާ ދުވަހުގެ ހަރަކާތާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި ނަމަވެސް އެ ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވާ ކަމުގެ މައުލޫމާތު ކުރިން ލިބިފައިވާ ނުވާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
ޔޯގާ ދުވަސް ގަލޮޅު ދަނޑުގައި ފާހަގަކުރަމުން ދަނިކޮށް އެތަނަށް ބަޔަކު ގަދަކަމުން ވަދެ އެ ހަރަކާތް ހުއްޓުވީ އަދި ހަމަނުޖެހުން ހިންގުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް ފުލުހުން އެއްބަސްވެފައިވެ އެވެެ.
ފުލުހުން އެ ގެންދަނީ އެ ދުވަހުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ އެތެރޭގެ އިންކުއަރީއެއް ހިންގަމުންނެވެ.
ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.