ދުނިޔެ

ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ރެސްޓޯރެންޓަކަށް އަމާޒުކޮށް، ކާރެއްގައި ބޮމެއް ހަރުކޮށްގެން ތާލިބާން ހަނގުރާމަވެރިއަކު ދިން ޖާނުން ފިދާ ވުމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ އެވެ.

މި ހަމަލާގައި 15 މީހުން ޒަހަމްވިއިރު މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

އަފްގާން ފުލުހުންގެ އޮފިޝަލަކު ބުނީ މިއީ ކުޑަ ރެސްޓޯރެންޓެއް ނަމަވެސް އެއީ ބިދޭސީން އާއްމުކޮށް ގޮސް އުޅޭ ތަނެއް ކަމަށެވެ. އަދި އެސަރަހައްދަކީ ގެސްޓް ހައުސް ގިނަ ސަރަހައްދަކަށްވުމުން ބިދޭސީން ގިނަ ސަރަހައްދެއް ކަމަށާއި އަފްގާން ސަރަހައްދުގެ އޮފިޝަލުންވެސް ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

ތާލިބާނުގެ ތަރުޖަމާނު ޒަބިއުﷲ މުޖާހިދް މި ހަމަލާގެ ޒިންމާ ނަގަމުން ޓްވިޓާގައި ބުނެފައިވަނީ މިހަމަލާގައި ގިނަ އަދަދެއްގެ ބިދޭސީން މަރުވެ އަދި ޒަހަމްވެފައިވާ ކަމަށެވެ.

މި ހަމަލާއަށް ފަހު އެސަރަހައްދުގެ ސަލާމަތީ ކަންކަންވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށް ފުލުހުން ދަނީ އެސަރަހައްދުގައި ފޯރިމަރަމުންނެވެ. އަދި އެސަރަހައްދާ ކައިރި ހިސާބުތަކުގައި ތާލިބާނުގެ ހަނގުރާމަވެރިން ތިވެދާނެ ކަމަށް އަފްގާން ސަރުކާރުން ލަފާކުރެ އެވެ.

ތާލިބާނުން މިހަމަލާ ދީފައިވަނީ ކާބުލްގެ އެއާޕޯޓް ސަރަހައްދުގައިވެސް ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ. އެހަމަލާގައި އެކަކު މަރުވެ 33 މީހުންވަނީ ޒަހަމްވެފަ އެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ އަފްގާނާއި، އެމެރިކާ، ޕާކިސްތާން އަދި ޗައިނާ އާއި އެކު ތާލިބާން އާއި މަޝްވަރާ ބައްދަލުވުމެއް މިމަހުގެ 11ވަނަ ދުވަހު ބާއްވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.