ލައިފްސްޓައިލް

ކައިވެނިކޮށްގެން ތިން ދުވަސް ވަންދެން ފާޚާނާކުރުން މަނާ!

ދުނިޔޭގެ ގައުމުތަކުގައި ވަރަށް އަޖައިބުވާ ކަހަލަ ކަންތައްތައް ސަގާފީ ނުވަތަ އެބަޔަކު އެ އުޅޭ ދީނުގައި ކަންކަން ކުރަން އޮންނަ ގޮތް ކަމަށް ބުނެ ކޮށް އުޅެ އެވެ. ނަމަވެސް އިންޑޮނީޝިޔާގެ ގަބީލާއެއްގެ މީހުން މި ކުރާ ކަހަލަ ކަމެއް ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ބަޔަކު ކުރާނެހެނެއް ހިޔެއް ނުވެ އެވެ.

މި ގަބީލާގައި ކަންކަން އޮންނަ ގޮތުން އަލަތު ކައިވެނިކުރާ ދެމަފިރިންނަށް ތިން ދުވަސް ވަންދެން ފާހާނާ ބޭނުމެއް ނުކުރެވޭނެ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އަލަތު ކައިވެނިކުރާ ދެމަފިރިން މިގޮތަށް ކަންތައް ނުކޮށްފިނަމަ އެމީހުންގެ ކައިވެނި ރޫޅުން ނުވަތަ ދެ މީހުން ކުރެ އެކަކު އަނެކަކަށް ބޭވަފާތެރިވުން، ކައިވެނީގެ ބޭރުން ގުޅުން ހިންގުން، ދެމަފިރިން ކުރެ އެކަކު އަވަހަށް މަރުވުން ނުވަތަ އެމީހުންނަށް ލިބޭ ދަރިން ކުޑައިރު ނުވަތަ ޒުވާން އުމުރުގައި މަރުވުން ފަދަ ކަންތައްތައް ދިމާވާނެ އެވެ.

އެހެންވެ ކައިވެނި ކުރުމަށްފަހު ދެމަފިރިން އުޅޭ ނޫޅޭގޮތް ވަރަށް ގާތުން ބަލަން އާއިލާގެ ހަރު މީހުން ފާރައަށް ތިބޭނެ އެވެ. ދެމަފިރިންނަށް ފާހާނާއަށް ވަނުން މަނާ ކަމަށް ވާތީ އެ ތިން ދުވަހު އެމީހުންނަށް ކާން ބޯން ލިބޭނީ ވަރަށް މަދުންނެވެ. ތިން ދުވަސް ފަހުން ދެ މީހުން ހާއްސަ ފެންވެރުމަކުން ފެންވެރުވުމަށް ފަހު ދެން ފާޚާނާ ބޭނުންކުރުމުގެ ހުއްދަ ދޭނެ އެވެ.

ޓައިޑޮންގް ކިޔާ ގަބީލާއެއްގެ މި މީހުން ދިރި އުޅެނީ އެ ގައުމުގެ އިރު ދެކުނުގައި އޮންނަ ބޯނިއޯ ރީޖަންގަ އެވެ. މިއީ މެލޭޝިޔާ - އިންޑޮނީޝިޔާ ބޯޑަރާ ކައިރީގައި އޮންނަ ސަރަހައްދެކެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމުމާއެކު ދެމަފިރިން ގެންގޮސް ވަކި ކޮޓަރިއަކަށް ލާނެ އެވެ. ތިން ދުވަސް ވަންދެން އެމީހުންނަށް ތިބެން ޖެހޭނީ އެ ކޮޓަރީގަ އެވެ. ނަމަވެސް ކުޑަ ކަމުވެސް ބޮޑުކަމު ވެސް ނުގޮހެވެ.

އެމީހުންނަށް ފާރިވެރިވެގެން އެމީހުން ކުރާ ކަންތައް ބަލަން އާއިލާގެ މީހުން ތިބޭނެ އެވެ. އެ ދުވަސްތަކުގައި އެމީހުން ސިއްރު ސިއްރުން ކުޑަކަމު، ބޮޑުކަމު ނުދާކަން އާއިލާގެ މީހުން ޔަގީން ކުރާނެ އެވެ.

އެމީހުންނަކީ ނަސީބުގަދަ ދެމަފިރިންނަށް ވާނީ އަދި އެ ކައިވެނި ބާއްޖަވެރިވާނީ މިގޮތަށް ކަންތައް ކުރުމުން ކަމަށް ގަބީލާގެ މީހުން ތިބެނީ ހިތުގެ އަޑީން ގަބޫލުކޮށްގެންނެވެ.