އުމުރުން 61 އަހަރުގެ ކާން މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ 88 ވަނަ ކައިވެންޏަށެވެ. މިފަހަރު އޭނާ ކައިވެނިކުރަނީ ކުރީގެ ވަރިކުރި ފުޅަކާ އެވެ.
އިންޑޮނީޝިއާގެ މި މީހާ އިރުއިރުކޮޅާ ކައިވެނި ކުރާތީ "ޕްލޭބޯއީ ކިންގް"ގެ ނަމުން މިހާރު މީހުން އޭނާއަށް ނަން ދީފައި ވެއެވެ.
ކާން އަކީ ވެސްޓް ޖާވާގައި އޮންނަ މަޖަލެންގްކާ ކިޔާ އަވަށެއްގައި ދިރިއުޅޭ ދަނޑުވެރިއެކެވެ.
އިންޑޮނީޝިއާގެ ޓްރިބިއުން ނިއުސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ކާންގެ އަވަށުގައި އޭނާއާ އެކު އާއިލާގެ އެއްވެސް މީހަކު ދިރިއެއް ނޫޅެ އެވެ. ކާންގެ މައިންބަފައިން ވަނީ ވަރަށް ކުރިން މަރުވެފަ އެވެ. އަދި ހުރި ހަމައެކަނި ދައްތަ ދިރިއުޅެނީ ފިރިމީހާގެ ރަށުގަ އެވެ.
ކާން މިހާ ގިނަ ކައިވެނިކޮށްފައި ވިޔަސް އިންޑޮނީޝިއާގެ އޮފީސް އޮފް ރިލިޖަސް އެފެއާޒް އިން އެންމެ ކައިވެންޏެއްގެ ވެސް ސެޓްފިކެޓް ހަދާފައެއް ނުވެ އެވެ.
ކާން ފުރަތަމަ ފަހަރަށް ކައިވެނިކުރީ އުމުރުން 14 އަހަރުގަ އެވެ. އޭނާ އެ ފަހަރު ކައިވެނިކުރި އަންހެން ކުއްޖާ އޭނާއަށް ވުރެ ދެ އަހަރު ދޮއްޓެވެ. އޭގެ ފަހުން 87 ކައިވެނިކޮށްފައިވާއިރު ކާން އަށް ލިބިފައިވާ ދަރިންގެ އަދަދު ސާފެއް ނުވެ އެވެ.
ޔަގީންވާ ކަމަކީ އެހެން މީހުން ކައިވެންޏާ މެދު ދެކޭ ގޮތާއި ކާން ދެކޭ ގޮތް ވަރަށް ތަފާތު ކަމެވެ.
ކާން ބުނި ގޮތުގައި 88 ވަނަ ކައިވެންޏަކަށް އޭނާ އެއްބަސްވީ ކުރީގެ އަންބަކު އައިސް އަލުން ކައިވެނި ކުރަން އެދުމުން އެކަމާ ދެކޮޅު ހަދަން ނުކެރިގެންނެވެ.
"އަހަރެމެން ދެ މީހުން ވަކިވިތާ ކިތަންމެ އަހަރެއް ފާއިތުވެއްޖެ. އެކަމަކު އަދިވެސް އަހަރެމެންގެ ދެ މީހުންގެ މެދުގައި އޮތް ލޯބި ވަރަށް ވަރުގަދަކޮށް އެބައޮތް،" ކާން ބުންޏެވެ.
ކާން ބުނި ގޮތުގައި އޭނާ ދެވަނަ ފަހަރަށް ކައިވެނިކުރަން އުޅޭ އަންހެން މީހާ ހުރީ އޭނާއާ ހެދި މޮޔަވާ ވަރަށް ލޯބިވެފަ އެވެ. އެ ދެ މީހުންގެ ފުރަތަމަ ކައިވެނީގައި ހޭދަވީ އެއް މަސް ދުވަހެވެ.
ކާން ގިނަ ކައިވެނިތަކެއް ކުރަން ފެށީ ފުރަތަމަ ކައިވެނި ނާކާމިޔާބުވުމުން ކުރެވުނު ހިތި ތަޖުރިބާއަށް ފަހުގަ އެވެ. އެ ތަޖުރިބާގެ ސަބަބުން ކާން ވަރަށް ރުޅިގަދަވެ ފަހުން އަންހެން ކުދިން އޭނާ ދެކެ ލޯބިވާ ގޮތް ހެދުމަށް ތަފާތު އުކުޅުތައް ބޭނުން ކުރި ކަމަށް ކާން ބުންޏެވެ.
"އަހަރެން ކޮންމެ އަންހެނަކާ ވެސް ކައިވެނިކުރަނީ އެމީހަކާ ދޭތެރޭ ގޯސްކޮށް ކަމެއް ނުކުރަންވެގެން. އެމީހުންގެ ޖަޒުބާތާ ކުޅޭކަށް އަހަރެން ބޭނުމެއް ނޫން،" ކާން ބުންޏެވެ.