ކައިވެނިކުރާ ދެ މީހަކަށް އެ ކައިވެންޏަކީ އެ މީހުންގެ މުޅި ހަޔާތުގެ ވެސް އެންމެ މުހިއްމު ކަމެވެ. އެހެންކަމުން އެ ދުވަހަށްޓަކައި ދެ މީހުން ވެސް ވަރަށް ފުރިހަމަ ރީތި މޮޅު ހެދުން އަޅާ ޒީނަތްތެރިވެ އެވެ.
ކައިވެނީގެ ރަސްމިއްޔާތުތައް ވަރަށް ކުޑަކުޑަ ގޮތަކަށް ކޮށްލަން ބޭނުންވާ މީހުން ވެސް ކައިވެނިކުރާ ވަގުތު ކޮންމެވެސް ވަރަކަށް ނަލަހެދި ޒީނަތްތެރިވެ އެވެ. ނަމަވެސް އިންޑޮނޔާގެ ފިރިހެނަކު އޭނާގެ ކައިވެންޏަށް ހުސް ސޯޓުބުރިއެއްގައި ދިއުމުން ވަރަށް ގިނަ ބައެއްގެ ލޮލުގައި އެކަން ވަނީ އަޅައިގަނެފަ އެވެ. އަދި ސޯޝަލް މީޑީއާގައި ވެސް މިހާރު މި ވާހަކަ ވަނީ ވަރަށް މަޝްހޫރުވެފަ އެވެ.
އިންޑޮނީޝިޔާގެ އީސްޓް ޖާވާ ރީޖަންގައި އޮތް މި ކައިވެނީގެ ފޮޓޯތަކާއި ވީޑީއޯތަކުން ފެންނަ ގޮތުގައި އަންހެންމީހާ އިންނަނީ ވަރުގެ ކޮޅަށް ނަލަހެދި ޒީނަތްތެރިވެގެންނެވެ. ނަމަވެސް ފިރިހެންމީހާ ހުރީ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އެ މީހާގެ އަތުގައި ނޫކުލައިގެ ސްލިންގެއް އަޅުވާފައި އިނުމުން އަތަށް އަނިޔާވެފައިވާކަން ޔަގީންވެ އެވެ. އަދި ކަކުލުގައި ވެސް މަލަން އަޅާފައި ހުއްޓެވެ.
އިންޑޮނީޝިޔާގެ ނޫހަކުން ބުނި ގޮތުގައި މި މީހާ ސޯޓެއްގައި ކައިވެނިކުރާ ތަނަށް އައީ އޭގެ ހަތަރު ދުވަސް ކުރިން އޭނާ މޮޓޯސައިކަލުގައި ދަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާތީ ކައިވެންޏަށް ފެހި ހެދުން އަޅަން ނުކުޅެދިގެންނެވެ.
އެމީހާއާ އަލަތު ކައިވެނިކުރި އަންހެންމީހާ އެލިންޑާ ޑިވީ ކްރިސްޓިއާނީ ބުނި ގޮތުގައި އޭނާގެ މިހާރުގެ އަލަތު ފިރިމީހާ ސުޕްރަޕްޓޯ އެކްސިޑެންޓުވި ވަރަށް ބޮޑަށް އަނިޔާވެ ކޮނޑުގެ ވަރަށް ބޮޑު ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
ސުޕްރަޕްޓޯ އަށް މި މުނާސަބަތާ ގުޅޭ ގޮތަށް ހެދުން ނޭޅުނު ނަމަވެސް ކައިވެނީގެ ރަސްމިއްޔާތަށް ހާޒިރުވީތީ އެތަނުގައި ތިބި އެންމެން ވެސް އޭނާއަށް ވަރަށް ތަރުހީބުދީ ތައުރީފު ކުރި އެވެ. އޭނާ ހުރި ހާލަތުން ކައިވެނި ފަސްކުރިޔަސް އެއީ ރަނގަޅު އުޒުރެއްކަން އެންމެން ވެސް ގަބޫލުކުރާނެކަން އެނގޭއިރުވެސް ސުޕްރަޕްޓޯ އޭނާގެ ޒިންމާ ނަގައި ކައިވެންޏަށް ހާޒިރުވީތީ ގިނަ ބަޔަކު އޭނާއަކީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ބަލައިގަނެފައި ވެއެވެ.