ލައިފްސްޓައިލް

އުމުރުގެ ތަފާތު ބޮޑު ދެމީހުންގެ ކައިވެނި 22 ދުވަސް ތެރޭ ރޫޅިއްޖެ

އުމުރުގެ ތަފާތު ވަރަށް ބޮޑު ދެ މީހެއްގެ މެދުގައި ކުރެވުނު ކައިވެންޏެއް އެންމެ 22 ދުވަހުގެ ތެރޭގައި ރޫޅިއްޖެ އެވެ. އިންޑޮނީޝިޔާގެ މި ދެ މީހުންކުރެ ފިރިހެންމީހާ އަބާ ސަރްނާ އަށް 78 އަހަރެވެ. އަދި އަބާ ސަރްނާ ކައިވެނިކުރި އަންހެންކުއްޖާ ނޯނީ ނަވީތާ އަށް 17 އަހަރެވެ. މިދިޔަ މަހު މި ދެ މީހުން ކައިވެނި ކުރިއިރު ދެ މީހުންގެ އުމުރުގައި 61 އަހަރުގެ ފަރަގެއް ހުރުމުން އިންޑޮނީޝިޔާގެ މީޑިއާ އާއި އާއްމުންގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން މި ކައިވެންޏެއް ހުއްޓުނެވެ. ނަމަވެސް މި ކައިވެނި ކުރި ޚަބަރަށް ވުރެ ވެސް ބޮޑު ޚަބަރަކަށް ވީ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އަބާ އޭނާގެ އަންހެނުން ނޯނީ އަށް ވަރިކުރަން އުޅޭ ކަމަށް ބުނެ ސިޓީއެއް ފޮނުވީމަ އެވެ.

ކުއްލިއަކަށް ނޯނީ ވަރިކޮށްލަން އަބާ އުޅުމުން ނޯނީގެ އާއިލާގެ މީހުންނަށް ވެސް ވަނީ ޝޮކެއް ލިބިފަ އެވެ. ސަބަބަކީ އެ ދެ މީހުންގެ ކައިވެނީގައި އެއްވެސް މައްސަލައެއް އުޅޭކަން އެމީހުންނަށް އެނގިފައި ނެތީމަ އެވެ.

ނޯނީގެ ދައްތަ އިޔާން އިންޑޮނީޝިޔާގެ ހަރިއަން މެޓްރޯ ނޫހަށް ދިން އިންޓަވިއު އެއްގައި ބުނީ ނޯނީގެ ކައިވެނީގައި ގަދަވަޔާއި ތޫފާނުގެ ކަމެއް ނެތި ކުއްލިއަކަށް ވަރިކުރަން އުޅުމުން ވަރަށް ހައިރާންވި އެވެ.

"އަބާ ސަރްނާ އާ އަހަރެމެންގެ އާއިލާ އާ ދެމެދު އެއްވެސް މައްސަލައެއް ނެތް. މައްސަލަ ދިމާވެގެން އުޅެނީ އަބާ ސަރްނާ އާއި އޭނާގެ އާއިލާއާ ދެމެދު. އެމީހުން ބޭނުމެއް ނުވޭ ނޯނީ އާ ކައިވެނިކޮށްގެން އަބާ އުޅޭކަށް،" ނޯނީގެ ދައްތަ ބުންޏެވެ.

ކައިވެނި ކުރިއިރު ވެސް ނޯނީ އިނީ ބަލިވެ ކަމުގެ ތުހުމަތުތައް އަބާގެ އާއިލާއިން ކުރެ އެވެ. ނަމަވެސް ނޯނީގެ ދައްތަ ބުނީ އެއީ މުޅިން ދޮގު ވާހަކައެއް ކަމަށެވެ.

ކައިވެނީގެ ހަދިޔާގެ ގޮތުގައި އަބާ ނޯނީ އަށް ދިނީ 2،819 ރިންގިޓާއި މޮޓޯ ސައިކަލެއް އަދި ގޮދަޑިއަކާއި އަލަމާރީ އެކެވެ. ކައިވެނިކުރާ މަތިން ދިން މި ހަދިޔާ ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސް އެމީހުން ތަފާތު ކޮމެންޓުތައް ކޮށްފައި ވެއެވެ. ސަބަބަކީ މި ތަކެތި ޓްރަކެއްގައި ގެންގޮސް ނޯނީގެ ގެއަށް ވައްދަނިކޮށް ބަޔަކު ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލުމުންނެވެ.