ލައިފްސްޓައިލް

ދެ މީހުނާ އެއްފަހަރާ ކައިވެނި ކުރެވުނީތީ ދެރަވެއްޖެ

އިންޑޮނީޝިޔާގެ ޒުވާން ފިރިހެނެއްގެ ކައިވެނީގެ ރަސްމިއްޔާތަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ގޮސް ކައިވެނި ކުރާށޭ ކިޔައި އާދޭސް ކުރަން ފެށުމުން އެމީހާ ހަދާނެ ގޮތް ހުސް ވެގެން ދެ އަންހެނުންނާ އެއްފަހަރާ ކައިވެނި ކޮށްފި އެވެ.

އިންޑޮނޭޝިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޫރް ހުސްނުލް ހާތިމާ، 20، އާ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ފިރިހެންމީހާގެ ލޯބިވެރިޔާ ކުއްލިއަކަށް އެތަނަށް ވަދެ އާދޭސް ކުރަން ފެށުމުން ނޫރް ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގި ބަސް ހުއްޓިފަ އެވެ. ކޯރިކް އަކްބަރް ކިޔާ 20 އަހަރުގެ މި ފިރިހެންމީހާ އެންމެ ފަހުން އޭނާގެ ކުރީގެ ލޯބިވެރިޔާ ޔުއާނިތާ ރޫރީ، 21، އާ ކައިވެނި ކުރަން ނިންމިއިރު ވެސް ނޫރު އަށް އެކައްޗެކޭ ވެސް ނުބުނެ ބަލަހައްޓައިގެން ހުރެވުނީ އެވެ.

ޔުއާނީތާ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަކްބަރް ކައިވެނި ކުރާ ކަން އެނގުނީ ސޯޝަލް މީޑިއާގައި އެމީހުންގެ އެކުވެރިން އާ ކައިވެނީގެ ހެޔޮ އެދުންތައް ފޮނުވަން ފެށުމުންނެވެ.

އިންޑޮނީޝިޔާގެ ހަރިއަން މެޓްރޯ ނޫހަށް ދިން އިންޓަވިއު އެއްގައި ނޫރް ބުނީ އޭނާގެ މިހާރުގެ ފިރިމީހާގެ ކުރީގެ ލޯބިވެރިޔާ އަށް މި ކައިވެނީގެ ޚަބަރު ލިބިގެން ވަގުތުން އެތަނަށް އައިސް އޭނާ އާ ކައިވެނިކުރާށޭ ކިޔައިގެން އަކްބަރަށް އާދޭސް ކުރަން ފެށީ އެވެ.

އަކްބަރް އާއި ޔުއާނީތާ ރައްޓެހިވެގެން އުޅުނީ 2016 ގައެވެ. އޭރު އެ ދެ މީހުންނަކީ ވެސް ވަރަށް ޅަ ދެ ކުދިންނެވެ. އެހެންވެ ކުއްލިއަކަށް އޭނާ އާއި ނޫރްގެ ކައިވެނީގެ ރަސްމިއްޔާތަށް ޔުއާނިތާ އައުމުން ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށް އަކްބަރް ބުންޏެވެ.

"އޭނަ އައިސް އާދޭސް ކުރަން ފެށީމަ އަހަރެން ހަދާނެ ގޮތް ހުސްވެގެން އާއިލާގެ މީހުންނާ މަޝްވަރާ ކޮށްފައި އޭނާ އާ ވެސް ކައިވެނި ކުރަން ނިންމީ. ކައިވެނީގެ ރަން ވެސް ދެ މީހުންނަށް ދިނީ އެއްވަރަކަށް،" އަކްބަރް ބުންޏެވެ.

ޔުއާނިތާ އާ ކައިވެނި ކުރިޔަސް މިހާރު އަކްބަރް އެކަމާ ހިތާމަ ކުރެ އެވެ. ސަބަބަކީ މި ވަގުތު އަކްބަރްގެ ވަޒީފާއެއް ވެސް ނެތުމުން ދެ އަނބިންގެ ޒިންމާ އަކީ އޭނާއަށް އުފުއްލޭ ވަރުގެ ބުރައަކަށް ނުވާތީ އެވެ.