މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯ އިން ޓެސްޓް ކޮށްފި އެވެ.
ސިމެންތި ޓެސްޓް ކުރީ މާލޭގެ ސިނާއީ އޭރިއާގައި ރޭގެ ވަގުތެއްގަ އެވެ. ޓެސްޓް ކާމިޔާބު ކަމަށް އެސްޓީއޯއާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމުރު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖު މަޝްރޫއުގައި ބައިވެރިވުމަށް ފުރުސަތު ދިނީތީވެ އެސްޓީއޯ އާއި އަމުރު ވެސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުުރު އަދާކުރައްވާފަ އެވެ. އަމުރު ވިދާޅުވީ މި މަޝްރޫއުގައި ބައިވެރިވެ ސިމެންތި ސަޕްލައި ކުރުމަށް ފުރުސަތު ލިބުމަކީ ފަޚުރެއް ކަމަށެވެ.
ތިލަމާލެ ބްރިޖަށް އެސްޓީއޯ އިން ސަޕްލައިކޮށްދޭނީ- ސްޕެޝަލް ގްރޭޑް- ހައިގްރޭޑް ސްޓްރެންތް- ތިން މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ ރެޑީމިކްސް ކޮންކްރީޓް އެވެ.
ތިލަމާލެ ބްރިޖުއަޅާ އިންޑިއާގެ އެފްކޮން އާއި އެސްޓީއޯއާއެކު މިމަހުގެ 14 ވަނަ ދުވަހު ވަނީ ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް އެސްޓީއޯއިން ފޯރުކޮށްދޭނެ އެވެ.
އެސްޓީއޯ އިން ރެޑީމިކްސް ސަޕްލައި ކުރަނީ ތިލަމާލެ ބްރިޖުގެ މާލެ ކޮޅާއި ވިލިމާލެ ކޮޅުގެ އެއްގަމަށް ބްރިޖު ލޭންޑް ކުރާ ސަރަހައްދަށް އެޅުމަށެވެ. އެސްޓީއޯ އިން މިކަން އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ.
އާއްމު ގޮތެއްގައި ބްރިޖެއްގެ ތަނބަކަށް އެކި ވެސް 7500 ކިއުބިކް މީޓަރުގެ ކޮންކްރީޓަށް ވުރެ ގިނައިން ބޭނުންވާނެ އެވެ. ޗައިނާ އިން މާލެ އާއި ހުޅުލެއާ ދެމެދު އެޅި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖަށް 153،000 ކިއުބިކް މީޓަރުގެ ސްޕެޝަލް ގްރޭންޑުގެ ކޮންކްރީޓް ބޭނުންކޮށްފައިވެ އެވެ.
ސަރުކާރުން ބުނެފައިވަނީ ތިލަމާލެ ބްރިޖުގެ ފައުންޑޭޝަންގެ އަމަލީ މަސައްކަތް މި އަހަރު ފަށައި 2024 ގައި ބްރިޖު ހުޅުވޭނެ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ބްރިޖުގެ ސާވޭ މަސައްކަތް ތަކެވެ. މި ބްރިޖަކީ ތިލަމާލެ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މި މަޝްރޫއަށް 500 މިލިއަން ޑޮލަރު -- ހަތް ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ އޮތް 400 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އިންޑިއާ އިން ދޭ ލޯނާއި ދައުލަތުގެ ބަޖެޓުން ހިމަނަން ޖެހޭ ފައިސާ އެވެ.