އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ދިރާގުން އަބަދުވެސް އިސް ނަގަ އެވެ. އެކަމުގައި ކުރީ ސަފަތަށް ނުކުމެ އެވެ. މިފަހަރު ވެސް މިވަނީ އެ ފަދަ ހިދުމަތެއް އެ ކުންފުނިން ދީފަ އެވެ. އެއީ މުޅި ރާއްޖޭގައި ހުރި ޖެންޑާ މިނިސްޓްރީން ކުޑަކުދިން ބަލަހައްޓާ ހުރިހާ މަރުކަޒުތަކަށް ދިރާގުގެ ހިދުމަތް ހިލޭ ދޭން ފެށުމެވެ.
ދިރާގުގެ ސީނިޔަ މެނޭޖުމަންޓުގެ އިސްވެރިންނާއި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް މި ހިދުމަތްތަކުގެ މައުލޫމާތު ދީފަ އެވެ. މި ބައްދަލުވުމުގައި އެ ކުންފުނީގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް މަރުކަޒުތަކަށް ދޭން ނިންމިކަން ވަނީ އިއުލާނުކޮށްފަ އެވެ.
ދިރާގުގެ ހިދުމަތް ދިން މަރުކަޒުތައް
- ހއ. ދިއްދޫ އަމާންވެށި
- ށ. ފުނަދޫ އަމާންވެށި
- ބ. އޭދަފުށި އަމާންވެށި
- ދ. ކުޑަހުވަދޫ އަމާންވެށި
- ލ. ފޮނަދޫ އަމާންވެށި
- ޏ. ފުވައްމުލަކުގެ އަމާން
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ހުރިހާ މަރުކަޒުތަކަށް ދޭން ފެށުމާއެކު ޓެކްނޮލޮޖީ އަށް ކުދިން އަހުލުވެރިވެ އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސް ވެގެންދާނެ އެވެ.
މިހާރު ހުރި ތަންތަނަށް ހިދުމަތް ދިނުމުގެ އިތުރުން އަލަށް އަމާންވެށި ގާއިމްކުރާ ނ. މަނަދޫ އާއި މ. މުލައް އަދި ޅ. ނައިފަރުގެ އިތުރުން ސ. ހިތަދޫ އަދި ހދ ކުޅުދުއްފުށީ އަމާންހިޔާ އަށް ވެސް މި ހިދުމަތް ދޭން ވަނީ ނިންމާފަ އެވެ.
ދިރާގުން ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާ އަށް ވެސް އެހީ ތަކެއް ދީފަ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން މިގޮތަށް ކުރާ ކަންކަމުގައި ވެސް ދިރާގުން ދަނީ އެހީވަމުންނެވެ.