މޯލްޑިވްސް ނޭޝަނަލް ޕާޓީ

އިސްރަށްވެހިންގެ މޫނުމަތީގައި ސަރުކާރުން ތަފާލެއް ޖަހައިފި: ނާޒިމު

May 22, 2022
2

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިސްރަށްވެހިންގެ މޫނުމަތީގައި ތަފާލެއް ޖަހާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެމްއެންޕީން މިހެން ބުނެފައި މިވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ހިދުމަތްތެރިންނާއި ޕެންޝަނަރުންނަށް ހައްގުވާ ފައިސާ ހޯދައިދިނުމަށް އެޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެމްއެންޕީން ކުރިއަށް ގެންދިޔަ ދިރާސާއަކަށްފަހު އެމްއެންޕީގެ ފަރާތުން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެޕާޓީގެ ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހުން ބޭރުކޮށްލިއިރު ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީ އަށެވެ.

ނޫސްވެރިންނަށް މިހާރު މައުލޫމާތު ދެއްވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވީ ދައުލަތަށް 30 އަހަރުން 40 އަހަރުން ހިދުމަތް ކޮށްދީފައިވާ އެތައް ބޭފުޅަކަށް ހައްގުވާ ޕެންޝަން ފައިސާ މިއަދު ލިބެމުން ނުދާ ކަމަށެވެ. ޕެންޝަނަރުންނަށް ލިބެންޖެހޭ ފައިސާ އެ މީހުންނަށް 65 އަހަރުވުމުން ދައުލަތުން ދޭ 5،000 ރުފިޔާގެ އެލަވަންސް އެކަނި ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުގައި އެތައް އަހަރަކު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް އެބޭފުޅުންގެ ހިދުމަތަށް ދޭންޖެހޭ ޕެންޝަން ފައިސާ ވެސް އަދި 65 އަހަރުވުމުން ލިބޭ އެލަވަންސް ވެސް ލިބެންޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަނަރުންނަށް ހައްގުވާ ފައިސާ ހޯދައިދިނުމަށް އެމްއެންޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސްކޮށްލަން ވެސް ބޭނުން ނުވެ، މަޖިލީހުން މައްސަލަ ބޭރުކޮށްލުމަކީ މިއަދުގެ ސަރުކާރުން ޕެންޝަނަރުންގެ ނުވަތަ އިސްރަށްވެހިންގެ މޫނުމަތީގައި ތަފާލެއް ޖެހުން ކަމަށެވެ. އެހެންކަމުން އިސްރަށްވެހިންނާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކުރުމަށްވެސް ނާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ނާޒިމް ވިދާޅުވީ ޕެންޝަންގެ މައްސަލަ އެމްއެންޕީން މަޖިލީހަށް ހުށަހެޅީ ވަރަށް ގިނަ ޕެންޝަނަރުންނާއި އިސްރަށްވެހިންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެހުމަށްފަހު ކަމަށެވެ. އިސްރަށްވެހިންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު އުޅެނީ ވަރަށް ހާލުގައި ކަމަށްވެސް ވިދާޅުވި އެވެ. އެމީހުންގެ ހާލަތު ބަދަލުކުރުމަށް އެމްއެންޕީ އަބަދުވެސް އިސްރަށްވެހިންނާއި ޕެންޝަނަރުންނާ އެކު އޮންނާނެ ކަމުގެ ޔަގީންކަން ވެސް ނާޒިމް ވަނީ ދެއްވާފަ އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިސްރަށްވެހިންނާއި ޕެންޝަނަރުންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކައި އެމްއެންޕީން ކަމާ ގުޅޭ އިދާރާތަކަށް އަދިވެސް މައްސަލަތައް ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އިދާރާތަކުން އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.