މުހައްމަދު ނާޒިމް

އެމްއެންޕީއާ ނުލާ ދެން އިންތިހާބުތައް ކާމިޔާބެއް ނުވާނެ: ނާޒިމު

May 22, 2022
2

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި ރާއްޖޭގައި އެއްވެސް ބަޔަކަށް އެއްވެސް އިންތިހާބެއް ދެން ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ އެމްއެންޕީން އުފެއްދި ފަހުން މިހާތަނަށް ބޭއްވި ގައުމީ ހުރިހާ އިންތިހާބު ތަކެއްގައި އެމްއެންޕީން ވާދަކޮށް ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އެމްއެންޕީ އުފެއްދި ފަހުން އަދި ނުވަމަސް ނުވާއިރު ކޮންމެ އިންތިހާބެއްގައި ރާއްޖޭގެ އެންމެ ބޮޑެތި ޕާޓީތަކާ ވާދަ ކުރުމަކީ ވެސް އެމްއެންޕީއަށް ކާމިޔާބެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވި އެވެ. އަދި އެކަމުން އަންގައިދެނީ ޑިމޮކްރެޓިކް ނިޒާމެއްގައި އެމްއެންޕީގެ މެންބަރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ފާހަގަކުރެވޭނެ އަޅުގަނޑުމެންނަކީ ޑިސައިޑިން ފެކްޓާ. ނޫނީ އަޅުގަނޑުމެން އެރި އަތަކަށް އިންތިހާބު ބަދަލުވެގެންދާނީ. އެހެންވީމާ އަޅުގަނޑުމެންނަކީ މިހާރު ރާއްޖޭގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނާ ނުލައި އެއްވެސް ބަޔަކަށް ރާއްޖޭގެ އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބުތަކެއް އަޅުގަނޑުމެންނަށް ލިބިއްޖެ،" ނާޒިމް ވިދާޅުވި އެވެ.

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ ބައްދަލުކޮށް އެންމެ ވޯޓަކުން އެމްއެންޕީގެ ކެންޑިޑޭޓް ބަލިވުމަކީ ވެސް ކާމިޔާބެއްގެ ގޮތުގައި ނާޒިމު ސިފަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ޕީޕީއެމް އަކީ ގިނަ އަދަދެއްގެ މެންބަރުންނާއި އަދި ކުރިން ވެރިކަން ކުރެއްވެވި ބޭފުޅުން ހިމެނޭ ތަޖުރިބާކާރު ޕާޓީއެއް ކަމަށާއި އެ ޕާޓީއާ ވާދަކޮށް އެންމެ ވޯޓަކުން ބަލިވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވި އެވެ.

"[އިންތިހާބެއް ކާމިޔާބުކުރުމަށް] އަޅުގަނޑުމެން މިހާރު އެންމެ ވޯޓަކާ ކައިރިއަށް ގާތަކަށް ދެވިފައިވާ ކަމަށް އަޅުގަނޑުމެން މިޕާޓީން މިގަބޫލުކުރަނީ. ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވާދަކުރާނަން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އިރާދަކުރެއްވިއްޔާ ﷲގެ ރަހްމަތްފުޅާ އެކު [އިންތިހާބު] ކާމިޔާބު ކުރެވޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމަށް ލިބިފައިވާ 14 ދުވަސް އަދި ހަމަނުވާތީ އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ވިލިމާލޭގެ ބައި އިލެކްޝަންގައި ހުރިހާ ވޯޓެއް ގުނަން އެމްއެންޕީން އިލެކްޝަންސް ކޮމިޝަންގައި އެދުނީ އެކި ފޮށީގައި އެކި ގޮތަށް ބާތިލް ވޯޓު ގުނާފައިވާތީއާއި އެމްއެންޕީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓަކުން ކަމަށްވާތީ ކަމުގައި އުޝާމް ވިދާޅުވި އެވެ. މީގެކުރީގެ އިންތިހާބުތަކުގައި ހަތަރުފަސް ވޯޓުގެ ތަފާތު ހުރުމުން ހުރިހާ ވޯޓު ފޮށްޓެއް ގުނާފައި ހުރިކަން ވެސް އުޝާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަދިވެސް ގަބޫލުކުރަނީ ވެލިޑް ރީޒަންއެއް އެބައޮތް ކަމަށް އަޅުގަނޑުމެން މި ފާހަގަކުރާ ކަންކަމުގައި. މިވަގުތު އަޅުގަނޑުމެން މިދަނީ އެ މައްސަލަ ދިރާސާކުރަމުން،" އުޝާމް ވިދާޅުވި އެވެ.