ރާއްޖޭގައި ތިބި އިންޑިއާ ސަފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވާފައިވަނީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ގަރާރެއް ނެރުއްވައިގެން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދާހިލީ ހަމަޖެހުން ގެއްލުވާލުމަށްލުމަށް ނުވަތަ ރާއްޖެއާ ގުޅުން އުފައްދާފައިވާ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ ފުލުހުންގެ ގާނޫނުގެ ދަށުން އެކަމެއް ފުލުހުންނަށް ހުއްޓުވިދާނެ ކަމުގައި ވިދާޅުވި އެވެ. އެކަމަކު ގާނޫނު ތަންފީޒު ކުރަން ފުލުހުން ޖެހިލުންވެފައިވާ ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ރައީސްގެ ގަރާރަކުން އިންޑިއާ އައުޓް ހުއްޓުވަން ފުލުހުން ނިކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާތީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސިފައިން ބައިވެރިކުރާތީ އެކަމަށްވެސް ނާޒިމު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތެއްގައި އުޅުނު ޒުވާން އަންހެން ކުއްޖަކު ބޭނުންކުރި ދިދައެއް އަތުލުމަށް ސިފައިންގެ މީހަކު އެ އަންހެން ކުއްޖާ ފަހާ ދުވުމަކީ މާރީތި މަންޒަރެއް ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެއްވެސް ކަމެއްގައި ވަކި ގައުމަކަށް ރާއްޖެއިން ބަރޯސާވުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ގާއިމުވެ ތިބުމަކީ ވެސް އެމްއެންޕީން ދުވަހަކު ވެސް ތާއީދުކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި އިދިިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެ ދާހިލީ ހަނގުރާމައަކަށް ގެންދިއުމަށް ކުރާ ކަމެއްގެ ގޮތުގައި ނާޒިމް ވަނީ ސިފަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ ކަމަކީ ދިވެހިން، ދިވެހިރާއްޖެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގެންދިއުމަށްޓަކައި ވަކި ޕާޓީއަކުން ކުރާ ކަންކަމުގައި އަޅުގަނޑުމެން މިއަދު ސަމާލުވާށޭ. އަޅުގަނޑުމެންނަކީ ބަވަނަވެފައި އޮތް ދުނިޔެއެއްގައި އުޅޭ ބައެއް. އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކާ ލާމެހިގެން އުޅެންޖެހޭ ބައެއް. އަޅުގަނޑުމެން ދިވެހިންވެސް އިންޑިއާ ގޮސް އިންޑިއާގެ އެހީތެރިކަން ހޯދަން. ހަމަ އެގޮތަށް އެމީހުން ވެސް ރާއްޖޭގައި އެބައުޅޭ. އެހެންވީމާ އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރަންޖެހޭނެ. އިހްތިރާމު ކޮށްގެން އެކީގައި މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. ވަކި ގައުމެއް ބޭރަށްދާން ގޮވާލައި މަގުމަތީގައި ހަޅޭއްލެވުމަކީ އަޅުގަނޑުމެން އެކަމަކަށް ތާއީދުކުރާ ކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ކުރިން ދެންނެވިހެން ވަކި ބަޔަކަށް ބަރޯސާ ވެގެން އަޅުގަނޑުމެން ތިބުމަކީވެސް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން." ސިފައިންގެ ގޭގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ ނާޒިމު ވިދާޅުވިި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްއެންޕީގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ވެސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ނެރުއްވާފައިވަނީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށެވެ. އެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތައް ރައީސްގެ ގަރާރުން ހަނިކޮށްފައިވާތީ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި އެބައޮތް ހައްގެއް ހަނިކުރާނަމަ ކަންކުރަންވީ ގޮތް. ގަރާރު ނެރުއްވާފައި ވަނީ އެގޮތަކަށް ނޫން،" އުޝާމް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ނެރުއްވާފައިވަނީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެފަދަ ވާހަކަތަކަށް ސަރުކާރުން އިޖާބައެއް ނުދެ އެވެ.