މާލޭގައި މިހާރު ކުރިއަށް އޭވީސީ ކޮންޓިނެންޓަލް ކަޕް ބީޗްވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ދިވެހިރާއްޖެ އާއި އަފްގާނިސްތާން އިން ކަށަވަރުކޮށްފި އެވެ.
ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތުގެ ގުރޫޕް އޭ އިން ސެމީގެ ޖާގަ ރާއްޖެ އާއި އަފްގާނިސްތާނަށް ކަށަވަކުރީ މި ގުރޫޕްގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން އަފްގާނިސްތާން މޮޅުވުމުންނެވެ. ބަންގްލަދޭޝް ވަނީ މުބާރާުތުގައި ކުޅުނު ފުރަތަަމަ މެޗުގައި ރާއްޖެ އަތުން ވެސް އިއްޔެ ބަލިވެފަ އެވެ.
ގުރޫޕް އޭގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ކަށަވަރުވާނީ މި ގުރޫޕްގެ ފަހު މެޗުގައި މާދަމާ ބަންގްލަދޭޝް އާއި އަފްގާނިސްތާން ބައްދަލުކުރާ މެޗުންނެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އަޝްފާގް އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަނިލް ނަސީރު އަދި ޝިއުނާޒް އަބްދުލް ވާހިދެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ޖުމްލަ ހަ ގައުމަކުން ވާދަކުރެ އެވެ. ގުރޫޕް އޭގައި އޮތް ރާއްޖެ އާއި އަފްގާނިސްތާން އަދި ބަންގްލަދޭޝްގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލެވެ.
މި މުބާރާތުގެ އަންހެން ބައިގައި ވާޑަކުރަނީ ރާއްޖެ އާޢި ނޭޕާލް އެކަންޏެވެ. އަންހެން ޑިވިޝަންގެ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އަރީޝާ އާއި އައިމިނަތު ރާޝިދާ އާއި އައިޝަތު ޝައްފަ އަދި ޖޫޒާން ޒަރީރެވެ.