ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫއުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ސޯލިހް ގެންދަވަނީ މެދުކެނޑުމެއް ނެތި އެކި ކައުންސިލްތަކާ ބައްދަލު ކުރައްވަމުންނެވެ.
މިއަދު އޮތް ބައްދަލުކުރެއްވުމުގައި މާބައިދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މާބައިދޫގެ ތަރައްގީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ގާއިމްކުރުމުގައި ދިމާވެފައިވާ މައްސަލަލަ އަދި ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތައް ހިމެނެއެވެ.
އަދި ސަރުކާރުން އެ ރަށުގެ ތަރައްގީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެ ރަށުގައި އަލަށް މީހުން އާބާދުކުރަން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ކައުންސިލް މެންބަރުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ގާއިމްވެތިބުމުގެ މުހިންމުކަމާއި ކައުންސިލް އިމާރާތް ގިނަ ދުވަސްވެ ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މައުލޫމާތުވެސް ރައީސާ ހިއްސާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫއުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގަ އާއި ވަސީލަތުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.