ހަބަރު

ރިލްވާން މައްސަލާގައި ރައީސް ޔާމީން ޖަވާބުދާރީކުރުވާނަން: އިބޫ

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން މައްސަލަ އަލުން ބަލައި ތަހްގީގްކޮށް ވީނުވީ ބަލާނެ ކަމަށާއި އެދުވަހުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

ލ. މާބައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަމުން ރިލްވާން މަރުވިކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ.

"މިއީ ވަރަށް ކުޑާއްމިސްކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، އަޅުގަނޑު ހިތުން ގައުމެއްގެ ވެރިއަކު ކުރައްވައިގެން ނުވާނެ ކަމެއް އެކުރެއްވީ، ރިލްވާންގެ އާއިލާ އެކަން ހޯދަން ފުލުހަށާއި އެކިއެކި މުއައްސަސާތަކަށް ހިނގި އަދަދު، ލިޔުނު ސިޓީ ގުނާ އަދަދު ނުކުރެވޭނެ، އެއްވެސް ޖަވާބެއް އެއްވެސްތާކުން ނުލިބެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރިލްވާން މައްސަލާގައި ތަހްގީގަކާއި ޝަރީއަތެއް ކުރެވިގެން ގޮސްފި ކަމަށާއި ނަމަވެސް ތަހްގީގަށްވެސް ރިލްވާން މަރުވިކަން ހާމެވެފައިނުވާ ކަމަށެވެ. އަދި ޝަރީއަތަކަށްވެސް ސާބިތުކޮށްދީފައެއްނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ރައީސް އާންމު ބައްދަލުވުމެއްގައި އެ ހާމަކުރެއްވީ އެމަނިކުފާނަށް ކަށަވަރުވެފައިވާކަން ރިލްވާން މަރުވެފައިވާކަން، މިއީ އަޅުގަނޑުމެން މިދަންނަވަނީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، ކިހިނެތްތޯ މިއަދު ރިލްވާންގެ އާއިލާ ކެތްކުރާނީ، ކީއްވެތޯ އެމަނިކުފާނަށް އިނގިވަޑައިގަންނަވާއިރުގަ، ތަހުގީގަށް ހާމަ ނުކުރެއްވީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައީސް ޔާމީން އެކުރައްވަނީ ގައުމެއްގެ ވެރިޔަކު ކުރައްވާން ޖެހޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށާއި މިފަދަ އެތައް ކަމެއް އެބަ ކުރައްވާ ކަމަށެވެ. އަދި މިއަދު އިދިކޮޅު ފަރާތްތަކުން ނިކުމެ މިތިބީ އެކަންކަން އިސްލާހުކޮށް އިންސާފު މިގައުމުގައި ގާއިމް ކުރުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ރިލްވާން މަރުވިކަން އިނގުނީ ކޮން އިރަކުތޯއޭ، ކޮން ދުވަހަކުތޯ އެމަނިކުފާނަށް އިނގުނީ، ކިހިނެތްތޯ އެކަން ހިނގާފަ އޮތީ، އެމައުލޫމާތުތައް އެނގިވަޑައިގެން ހުންނަވާ އެމައުލޫމާތުތައް ސިއްރު ކުރެއްވުމަކީ ވެރިއަކަށް ހުންނަވާ ބޭފުޅާ ކުރައްވައިގެންވާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެފުއްފެންނަ ހާމަކޮށް އެކަން އަލުން ތަހްގީގްކޮށް އެކަމަށް ވީނުވީ އެއް އަޅުގަނޑުމެން ހޯދާނަން، އެދުވަހުން ރައީސް ޔާމީން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.