ހަބަރު

ގާސިމާއި ޔާމީން ކޯލިޝަން ނަހަދާނެ، ޔަގީން: ރައީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ނަހައްދަވާނެ ކަން ޔަގީން ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާސިމްއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއް ކަމަށާއި އެމަނިކުފާނު ހުންނަވާނީ ވެސް މި ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ޔަމީންއާއެކު ކޯލިޝަން ހައްދަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގާސިމް ހުންނަވާނީ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި، އެއީ އިރާދަކުރެއްވީއާ ޝައްކެއް އޮތް ކަމެއް ނޫން. ރައީސް ޔާމީންއާއެކު ކޯލިޝަން ހަދާ ތަނެއް އަޅުގަނޑަކަށް ނުފެނޭ، ނުވެސް ހައްދަވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ވާދަ ކުރެއްވުމަށް ޕާޓީތަކުން މަޝްވަރާތައް ކުރަމުން އަންނަ ކަން އެމަނިކުފާނަށް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެކަން އެގޮތަށްވީ ގުޅިފައިވާ ޕާޓިތަކުގެ މެދުގައި މަޖިލީސް އިންތިހާބަ ބެހޭ ގޮތުން އެއްބަސްނުވެވުމުން އެކަން ދާނެ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު ގާސިމް ވިދާާޅުވެފައި ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި އެކުގައި ވާދަ ކުރެއްވުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ބޭފުޅަކާ އެކު މަޝްވަރާ ކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.

ފަހަކަށް އައިސް ރައީސް ޔަމީންގެ ޕާޓީތައް ދިފާއު ކުރައްވާ ގާސިމް ވާހަކަދައްކަވަމުން އަންނަ އިރު އިއްޔެ ވަނީ ޕީޕީއެމް އަދި ކޮންގްރަސް ޕާޓީގެ މެންބަރުންނާާ ވެސް ބައްދަލު ކުރައްވައިފަ އެވެ.