ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އިލްތިމާސް: މިކުރާ މަސައްކަތް ބޭކާރުކޮށްލަނީ

އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑިޕީން ކުރަމުންދާ މަސައްކަތްތައް ބޭކާރުކޮށްނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ލ. މާބައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނުކަމުގައިވިޔަސް އިންތިހާބުގައި ނަތީޖާ ބަދަލުކޮށްލުމަށް ބޭނުންވާނީ ރައްޔިތުންގެ ވޯޓު ކަމަށެވެ. އަދި ކިތަންމެ ބުރަ މަސައްކަތެއް ކުރި ކަމުގައިވިޔަސް އިންތިހާބުގައި ނަތީޖާ ބަދަލުކޮށްލުމަށް ބޭނުންވާ ވޯޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހު ކޮންމެ ބޭފުޅަކުވެސް ފަރުވާތެރިކަމާއެކީގައި ނިކުމެ ވަޑައިގެން ވޯޓުލުމަކީ އެންމެ މުހިއްމު ކަންތައް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓު ލުމުގައި ރައްޔިތުން ފަރުވާ ކުޑަކޮށްލައިފި ނަމަ މި ހުރިހާ ދުވަހު ކުރި މަސައްކަތް މުޅިން އެހެން ގޮތަކަށް ބަދަލު ވެގެން ހިނގައިދާނެ ކަމަށެވެ. ރައްޔިތުން ލާ ވޯޓަކީ އެ މީހެއްގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމާއި ޑެތެރޭގައި އެހެން މީހަކަށް އެއްޗެއް ނުބުނެވޭނެ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ވޯޓުލުމުގައި މުޅި ގައުމަށް ފައިދާވާނެ ގޮތާއި ތިމާއަށް ފައިދާ ވާނެ ގޮތް އަދި ތިމާ ދިރިއުޅޭ ރަށަށް ފައިދާ ވާނެ ގޮތް ވިސްނަން ވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާލުވީ ވޯޓުލުމުގެ ފުރުސަތަކީ ރައްޔިތަކަށް ގައުމާއި ދޭތެރޭގައި ގޮތް ނިންމަން ލިބޭނެ އެންމެ މުހިއްމު ފުރުސަތު ކަމަށެވެ.

"އެއީ ވަކި މީހަކު ބުނެގެން ވަކި ގޮތަކަށް ލާން ޖެހޭ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެއްވެސް މީހަކަށް އެމީހަކު އުޅޭ ރަށަކަށް ނިސްބަތް ކޮށް ނުވަތަ ސަރުކާރާއި ހިޔާލު ތަފާތުވުމެއް ހުރެގެން ތަފާތު ކުރުމެއް ނޯންނާނެ ކަމަށާއި އެއީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރަމުން ދާނީ އެ ގޮތަށް ކަމަށް ފާހަގަ ކުރެއްވި އެވެ.

"އެކަހަލަ ކަމެއް ވެފަ އޮތް ކަމުގައި ވާނަމަވެސް އެކަމެއް އަޅުގަނޑުމެން ބަދަލު ކުރާނަން. ފަހަރެއްގައި ކޮންމެވެސް ތަނެއްގައި އެކަހަލަ ކަމެއް ޒާތީ ކޮންމެސް ކަމެއްގައި ކޮންމެވެސް މީހަކަށް ވެފަ އޮވެދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ މާބައިދޫގެ ވައުދުތައް

  • ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލު ކުރުން
  • ހެލްތް ސެންޓަރުން ލިބޭ ހިދުމަތްތައް އިތުރުކޮށްދިނުން
  • ބޮޑެތި މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުން
  • ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅައިދިނުން
  • މޫދަށް އެރޭ ސަރަހައްދެއް ހަދައިދިނުން
  • އިންޑޯ ޖިމެއް އަޅައިދިނުން
  • ޔޫތް ސެންޓަރެއް އަޅައިދިނުން

ރައީސް ވިދާޅުވީ މާބައިދޫގެ މެޖޯރިޓީ ވޯޓު އެމްޑީޕީއަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކަށް ކެމްޕޭނު ދަތުރުތައް ކުރައްވާ އިރު ފެނިގެންދާ މަޒަރަކީ ވަރަށް އުންމީދީ މަންޒަރެއް ކަމަށާއި އެއް ބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.