ބޮލީވުޑް

ކިއާރާގެ ކައިވެނީގެ ޕްލޭން

ކިއާރާ އަދުވާނީގެ "ބޫލް ބުލައްޔާ 2" ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުންދާއިރު "ޖުގް ޖުގް ޖިޔޯ" ރިލީޒްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާއިރު ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ އަނިލް ކަޕޫރާއި ނީތޫ ސިންގް އަދި ވަރުން ދަވަން އާއި ކިއާރާ ގެންދަނީ މި ޕްރޮމޯޝަން ތަކުގައި ބައިވެރިވަމުންނެވެ.

ޕްރޮމޯޝަން އިވެންޓްތަކުގައި ނޫސްވެރިން އެންމެ ގިނައިން ކިއާރާއާ ކުރާ ސުވާލަކީ ކައިވެނި ކުރަނީ ކޮން އިރަކުންތޯ އެވެ. ކިއާރާ އާއި އެކްޓަރު ސިދާރްތު މަލްހޯތުރާގެ ލޯބީގެ ވާހަކަ ވެސް އެންމެންނަށް އަޑު އިވިފައި އޮތުމާއި ބޮލިވުޑް ތަރިން މި ދުވަސްވަރު ކައިވެނި ކުރާލެއް ގިނަ ކަމުންނާ އެކު މި ސުވާލު އަބަދު އޭނާއާ ކުރަނީ އެވެ.

މި ސުވާލަށް ކިއާރާ ޖަވާބު ދިނުމުގެ ކުރިން ފިލްމުގެ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މި އިވެންޓުގައި ބައިވެރިވި ކަރަން ޖޯހަރް ވަނީ އެ ޖަވާބު ދިނުން ހުއްޓުވާފަ އެވެ.

"ކިއާރާއާ ތި ސުވާލު އަބަދުކުރަނީ ކީއްކުރަން. އަހަރެންގެ އުމުރުން މިހާރު 50 އަހަރު ވަނީ. އެކަމަކު އަހަރެން ކައިވެނިކުރަނީ ކޮން އިރަކުންތޯ އެކަކުވެސް ނާހާ. ކަލޭމެންނަށް ހީވަނީތަ އަހަންނަކަށް ކައިވެންޏެއް ނުކުރެވޭނެއޭ. އަހަންނަށް ވެސް ކައިވެނި ކުރެވޭނެ،" ކަރަން ބުންޏެވެ.

އެންމެ ފަހުން ކިއާރާއާ ހަމަ އެ ސުވާލު އަނެއްކާވެސް ނޫސްވެރިޔާ ކުރި އެވެ. ޖަވާބުގައި ކިއާރާ ބުނީ ކައިވެނީގެ ޓެގް އޭނާ ކޮންމެހެން ބޭނުން ނޫން ކަމަށެވެ. ކައިވެނި ނުކުރިޔަސް ހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށާއި އޭނާ މިހާރުވެސް އުޅެނީ ވަރަށް އުފާވެރިކޮށް ކަމަށެވެ.

ކިއާރާ އާއި ސިދާރްތު ރުޅިވެއްޖެ ކަމަށް ބުނެ ވެސް ވަރަށް ފަހުން އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ދެ މީހުން ސޯޝަލް މީޑީއާގައި ނުސީދާ މެސެޖުތައް ޕޯސްޓުކޮށް އެމީހުންގެ މެދުގައި މައްސަލައެއް ނޫޅޭކަން ވަނީ ހާމަކޮށްފަ އެވެ.