- ދިވެހި ކުންފުންޏެއް ތަމްރީން ކުރާނެ
- ބްރިޖް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި
- 2018 ގައި ބްރިޖް ބޭނުން ކުރަން ފަށާނެ
މާލެ - ހުޅުލެ ދެމެދު އަޅާ "ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖު" ބެލެހެއްޓުމުގެ މަސައްކަތް ދެ އަހަރު ދުވަސް ވަންދެން ކުރާނީ ޗައިނާ އިން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ވިދާޅުވީ މާލެ ހުޅުމާލެ ދެމެދު އަޅާ ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖުގެ އަމަލީ މަސައްކަތް ނިމުމަށް ފަހު އެބުރިޖު ބެލެހެއްޓުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ، ހަވާލު ކުރަން މިނިސްޓްރީ އިން ނިންމާފައިވާނެ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި ބްރިޖު ބެލެހެއްޓުމުގެ ތަމްރީންތައް ދިވެހިންނަށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބްރިޖު ބެލެހެއްޓުމަށް ޗައިނާއާއެކު ދެ އަހަރުގެ މުއްދަތް ހަމަވުމުން ތަމްރީން ކުރި ދިވެހިންނަށް އެމަސައްކަތް ހަވާލު ކުރާން ވެސް ވަނީ ނިންމާފައި،" މުއްތޮލިބު ވިދާޅުވި އެވެ.
ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ އެއް ކަމަށްވާ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތްކުރުން ރަސްމީކޮށް ހަވާލުކޮށް، އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުދަ ދުވަހު ވަނީ ސޮއި ކޮށްފަ އެވެ.
ބްރިޖުގެ މުހިންމު ބައިތައް
- ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން
- ސައިކަލް ދުއްވަންށާއި ހިނގާ މީހުންނަށް އަދި ބައިސްކަލް ދުއްވަން ހާއްސަ ލޭން ހަދާނެ
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
- ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
- މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
- ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބްރިޖުގެ ތަނބުތަކުގެ މަލަމަތި އަންނަ މާޗް މަހު ފެންނަން ފަށާނެ ކަމަށެވެ. އެއާއެކު ފައުންޑޭޝަން އެޅުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.