ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލު ކުރަން އޮންނަ ވަގުތު އިތުރުކުރަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތް ގޮތުން ވަޒީރުންނާ ސުވާލުކުރުމަށް މިހާރު ލިބެނީ ޖުމްލަ 20 މިނެޓެވެ.
ވަޒީރުންނާ ސުވާލުކުރަން ހަމަޖެހިފައި އޮންނަ ވަގުތު މަދު ކަން މަޖިލީހުގެ މެންބަރުން އަބަދުވެސް ފާހަގަކުރެ އެވެ.
މެންބަރުންގެ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމު ކޮމިޓީގެ މަޝްވަރާއަކަށް އެދިވަޑައިގެން ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ރައީސް ނަޝީދުގެ ސިޓީއާ ގުޅިގެން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ނުރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްފަހު ވަޒީރުންގެ އިއުތިރާޒެއް ނެތް ނަމަ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތު 30 މިނިޓަށް އިތުރުކުރުމަށް ނިންމެވި އެވެ. އަދި ކޮމިޓީގެ ރަސްމީ ބައްދަލުވުމުގައި ހުރިގާ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރެއްވި އެވެ.
މަޖިލީހުގެ ތަޅުމުގައި ވަޒީރަކާ ސުވާލުކުރައްވާނަމަ 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. ވަޒީރަށް އެހާ ގިނަ ދުވަސް ދިނުމަކީ ވެސް ބައެއް މެންބަރުންގެ ކަންބޮޑުވުމެކެވެ. އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި 14 ދުވަހުގެ ނޯޓިސްއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެއް ނުވެ އެވެ.