ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ ޕީއެންސީގެ ސާފު އަގުލަބިއްޔަތެވެ. އެހެންވީމާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މާދަމާ މެންބަރުން ބަހުސް ކުރެއްވުމަށްފަހު މާދަމާގެ ޖަލްސާގައި ތިން ވަޒީރުންނަށް ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމުމަށް ވޯޓަށް އަހާނެ އެވެ.
ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ރައީސްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރާށެވެ. އެހެންވެ 19 ވަނަ މަޖިލީހުގެ ދައުރު ނިންމާލީ ތިން ބޭފުޅުން ރުހުން ދިނުމަށް ވޯޓަށް ނާހަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު -- މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް 19 ވަނަ މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިންއިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދީފަ އެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަވެސް އެޖެންޑާކޮށްފަ އެވެ.