ދިވެހި ބަހުގެ އެކެޑަމީ

މަންކީޕޮކްސްގެ ދިވެހި ނަމަކަށް "މަކުނުވިދުރި"

May 23, 2022
2

ދުނިޔެއަށް ފެތުރެމުންދާ "މަންކީޕޮކްސް" ވައިރަސް އަށް ކިޔާނެ ދިވެހި ނަމެއް ދިވެހިބަހުގެ އެކެޑަމީން ހަދައިފި އެވެ.

އެގޮތުން މަންކީޕޮކްސް އަށް ދީފައިވާ ދިވެހި ނަމަކީ "މަކުނުވިދުރި" އެވެ. މަންކީޕޮކްސްގެ ބަދަލުގައި މަކުނުވިދުރި ބޭނުންކުރުމަށް ވެސް އެކެޑަމީން ވަނީ އެދިފަ އެވެ.

މަންކީޕޮކްސްއަށް ކިޔާނެ ދިވެހި ނަމެއް ހެދި ނަމަވެސް މި ވައިރަސް އަދި ރާއްޖެއިން ފެނިފައެއް ނުވެ އެވެ. ނަމަވެސް މި ވައިރަސް އަކީ ރާއްޖެއިން ފެނިދާނެ ވައިރަސްއެއް ކަމަށާއި އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަންކީޕޮކްސް އަކީ މީގެ ކުރިން ބައްރުތަކަށް ފެތުރިގެންފައިވާ ބައްޔެއް ނޫނެވެ. މި ބަލީގެ އާންމު ވެއްޓަކީ އެފްރިކާ ބައްރެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް ޔޫރަޕްގެ ގިނަ ގައުމުތަކުން މިބަލި ވަނީ ފެނިފަ އެވެ.

މަންކީޕޮކްސް ފެނިގެން އިއުލާންކޮށްފައިވާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަން، ބެލްޖިއަމް، އިޓަލީ، ޕޯޗުގަލް، ސްޕޭއިން، ކެނެޑާ، ސްވީޑަން، އޮސްޓްރޭލިއާ، އިޒުރޭލު އަދި އެމެރިކާ ހިމެނެ އެވެ.

މަންކީޕޮކްސްގެ އާންމު މައުލޫމާތު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައްޔެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައިވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުނަށް މިހާރު މިއޮތީ ފޯރާފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ. ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

މަންކީޕޮކްސްއަށް ޚާއްސަ ވެކްސިނެއް، ފަރުވާއެއް އަދި ނެތެވެ. އެހެން ނަމަވެސް 2003 ގައި، މި ބަލި ފުރަތަމަ ފެތުރިގަތް ދުވަސްވަރު އެމެރިކާއިން ވަނީ ސްމޯލްޕޮކްސް -- ކަށިވިދުރި އަށް ބޭނުންކުރި ވެކްސިން، "ޖޭނެއޯސް" ބޭނުން ކުރަން ފަށާފަ އެވެ. މަންކީޕޮކްސްއަށް ބޭނުން ކުރެވޭ ވަގުތީ ފަރުވާއެއް ގޮތުގައި ޖޭނެއޯސްއަށް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި ސްމޯލްޕޮކްސް އާއި ކައުޕޮކްސްއަށް ފަރުވާދޭން ބޭނުންކުރި "ޓެކޯވިރީމާ" ވެސް ވަނީ މަންކީޕޮކްސްއަށް ފަރުވާދޭން ބޭނުން ކުރަން ފަށާފަ އެވެ.