ދިވެހި ބަހުގެ އެކެޑަމީ

"ޕޮއެޓްރީ ތެރަޕީ" އަށް ކިޔާ ދިވެހި ނަމަކަށް "ޅެންފަރުވާ"

ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަރަކާތެއްގައި މިނިސްޓަރު އާދަމް ނަސީރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދިވެހިބަހުގެ މިނިސްޓްރީ
0%
0%
0%

"ޕޮއެޓްރީ ތެރަޕީ" އަށް ދިވެހި ބަހުން ކިޔާނެ ނަމަކީ "ޅެންފަރުވާ" ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ކަނޑައަޅައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އެ ބަހުގެ މާނައަކީ ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީ އެއް ކަމަށެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް ނުވަތަ ކަމެއް ކުރާ ގޮތް ކަމަށްވެސް ބަހުގެ އެކެޑަމީ އިން ބުނެފައިވެ އެވެ.

މި ނަން މިހާރު ވަނީ އޮންލައިން ބަސްފޮތުގައި ހިމަނާފަ އެވެ.

ދިވެހިބަހުގެ މިނިސްޓްރީން ބުނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި ސޮއިކުރުން މިމަހުގެ 22 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން އެމްއެންޔޫއާއެކު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހުގެ މިނިސްޓްރީގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް އިއުލާނު ކުރެއްވީ މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910