ދިވެހި ބަހުގެ އެކެޑަމީ

ލިޔުންތެރިންގެ ދުވަހާ ގުޅިގެން ފޮތް މައުރަޒެއް ފަށައިފި

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީން "ފެންޑާ މައުރަޒު 2024"ގެ ނަމުގައި ފޮތް މައުރަޒެއް މިއަދު ފަށައިފި އެވެ.

މި ފޮތް މައުރަޒަކީ ދެ ދުވަހަށް ދެމިގެންދާ މައުރަޒެކެވެ. އެގޮތުން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ފޮތް މައުރަޒަށް ޒިޔާރަތްކޮށް ފޮތް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

މައުރަޒު ހުޅުއްވައިދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ވަޒީރު އައްބާސް އިބްރާހިމް އެވެ.

މި މައުރަޒުގައި ދިވެހި ލިޔުންތެރިންގެ އަދި ދިވެހި ބަހުގެ އެެކެޑަމީގެ އެކި ފޮތްތައް އާންމުކޮށް ހުންނަ ވަރަށް ވުރެ ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ. މި ފޮތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ފޮތާއި، ތާރީހާއި ސަގާފަތާއި ގުޅޭ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، ވާހަކަ އަދި ނާވިލުގެ އިތުރުން ފަތްތޫރަވެސް ލިބެން ހުންނާނެ އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވަނީ މި މައުރަޒުގެ ސަބަބުން ދިވެހިންނަށް ފޮތް ލިޔުމަށް އިތުރު ހިތްވަރެއް ލިބި، މައުރަޒުން ލިބޭ ފޮތްތަކުގެ ޒަރީއާއިން ގިނަގުނަ މައުލޫމާތު އެއްކޮށް، ކުރިއަށް އޮތް ދުވަސް ތަކުގައި އެ އެކެޑަމީން ބާއްވާ މުބާރަތްތަކުގައި ބައިވެރިވުމަށް ޝައުގު ހުންނަ ކުދިންނަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.