ދިވެހި ބަހުގެ އެކެޑަމީއަށް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ބައެއް ގާނޫނުތަކުން ވަކި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނުވަތަ ފަންނީ މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ބައެއް އިދާރާތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް އެފަދަ ބައެއް އިދާރާތަކުގެ ވެރިން ވިދާޅުވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން އެފަދަ އިދާރާއެއްގެ ގޮތުގައި ދިވެހި ބަހުގެ އެކެޑަމީގެ ނަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީ ގޮތަށް ވަކި ގާނޫނެއްގެ ދަށުން އެކަމަކު ވަކި ވުޒާރާއެއްގެ ދަށުން މަސައްކަތް ކުރަންޖެހޭ ގޮތަށް ހުރި އިދާރާތަކުގެ ޝަކުވާތަކެއް އިންތިގާލީ ކޮމިޓީއަށް ލިބެމުންދާ ކަމަށެވެ.
މިފަދަ އިދާރާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ އެ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަނުމާ އެކަމާ ގުޅިގެން ގާނޫނީ ޒިންމާ އަދާކުރަން ދަތިވުމުގެ މައްސަލަ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި މިފަދަ އިދާރާތަކަށް ލިބެންޖެހޭ ބަޖެޓް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އެ އިދާރާތަކުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރަން ދަތިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކެޑަމީ އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން ކަމަށްވީ ނަމަވެސް އެކެޑަމީއަށް ޖަވާބުދާރީވާންޖެހޭ ވަޒީރަކީ މިނިސްޓަރު ޔުމްނާ އެވެ.
ފިރުޒުލްގެ ވާހަކަތަކާ ގުޅިގެން ހެރިޓޭޖު މިނިސްޓަރު ޔުމްނާ ވިދާޅުވީ ދިވެހި ބަހުގެ އެކެޑަމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އެކެޑަމީ ހިނގަމުން އައިސްފައިވާނީ ގާނޫނީ ވެރީންގެ ދަށުން ކަމަށާއި އެތަނުގައި ސިޔާސީ ގޮތުން އައްޔަންކުރައްވާފައި ހުންނެވި ވެރިޔަކު ވެސް ނުހުންނަވާނެ ކަމުގައި ވިދާޅުވި އެވެ.
"ނަމަވެސް އެކެޑަމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައި،" ޔުމްނާ ވިދާޅުވި އެވެ.
ޖަވާބުދާރީވާންޖެހޭ ވަޒީރަކީ އެކަމަނާ ކަމުން އެކެޑަމީގެ ކަންކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ. އަދި ފައިސާގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ ބެއްެލެވުމުގެ ދަށުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ޔުމްނާ ވިދާޅުވި އެވެ.