ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ އޮޑިޓްތަކެއް ހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އިދާރާތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް ހޯދި މައުލޫމާތަށް ބަލާއިރު ކުންފުނިތަކުގެ ހާލަތު ގޯސްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބައެއް އިދާރާތަކާއި ބައެއް ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް އިންތިހާބީ ރައީސް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އިންތިގާލީ ކޮމިޓީތަކުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މިކުރާ މަސައްކަތަކީ އެއްވެސް ހާލެއްގައި ވަޑައިގަންނަވާ ވުޒާރާއެއް މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ އޮޑިޓެއް ހެދުމެއް ނޫން. އެބޭފުޅުން މިކުރައްވާ މަސައްކަތަކީ އެތަނެއްގެ ސިޓުއޭޝަނަލް ސްނެޕްޝޮޓެއް މިނަގަނީ. އެތަނެއްގެ ހާލަތު ހުރީ ކިހިނެއްކަން. ފައިސާ ގުޅޭ ހާލަތްތައް. މާލީ ހާލަތްތައް. އަދި ހަމައެހެންމެ އިދާރީ ހިދުމަތްތަކާއި މުވައްޒަފުންނާ ގުޅޭ ހާލަތްތައް މިދެނެގަންނަނީ ނަންބަރުތަކެއްގެ ސިފައިގައި. އަދެ ހަމައެހެންމެ މައުލޫމާތުތަކެއް ސިފައިގައި،" ފިރުޒުލް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓް ހަދާނީ ދައުލަތުގެ އޮޑިޓާ ޖެނަރަލް މެދުވެރިކޮށް ކަމަށެވެ. މިމަސައްކަތްތަކުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފިރުޒުލް މީގެކުރިން ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ނޫނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ކުރިއަށް އޮތް ދެމަހަށްވެސް ހިންގޭނެ ގޮތެއް ނެތެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެންމެ ބޮޑަށް ޝާމިލްވެފައިވާ ކުންފުނިތައް ހިންގުމަށް ވަރަށް ބޮޑަށް ފައިސާ ބޭނުންވެފައިވާ ކަމަށާއި އެގޮތަށް މެދުވެރިވީ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރުމަށްފަހު މަސައްކަތުގެ އަގުގެ ގޮތުގައިވާ ފައިސާ ދީފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޑރ. މުއިއްޒުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި އަދި އެކަންކުރާނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެން ކަމަށެވެ.