މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

މުއިއްޒު އެދިވަޑައިގަންނަވަނީ އަންނަ އަހަރުގެ ބަޖެޓް 49 ބިލިއަނަށްވުރެ ބޮޑުނުވުން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 49 ބިލިއަން ރުފިޔާއަށްވުރެ ބޮޑުނުވުން ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ 2024 ގެ ބަޖެޓު ފަރުމާކުރުމުގައި އިންތިހާބީ ރައީސް އަދި ޓީމުގެ މައިގަނޑު ވިސްނުން ހުރީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއެކު މެދު ރާސްތާގައި ދިވެހި ދައުލަތުގެ މާލީ ހާލަތަށް ހުރި ގޮންޖެހުންތަކަށް ވިސްނައިގެން ބަޖެޓުގެ ކަންކަން ފަރުމާކުރުން ކަމަށެވެ.

"އެ ވިސްނުންފުޅުގައި ދައުލަތުގެ ދަރަންޏާއި އަދި ހަމަ އެހެންމެ ދައުލަތަށް ލިބޭ އާމްދަނީއާ ދެމެދު ހުރި ފަރަގުތައް ކުޑަކުރެއްވުމުގެ ބޭނުންފުޅުގައި އެ ވިސްނުންފުޅުގައި އެމަނިކުފާނުގެ ނިންމެވުމަކީ ހަގީގަތުގައި 49 ބިލިއަނަށްވުރެ 2024 ވަނަ އަހަރުގެ ބަޖެޓު ބޮޑުނުކުރުން،" ފިރުޒުލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާއިރު މަޖިލީހަށް މިހާރު ދިމާވެފައިވާ މައްސަލައިގައި ފިރުޒުލް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އަދި ދައުލަތުގެ ތިން ބާރުން ގުޅިގެން މަސައްކަތްކޮށް ވީހާވެސް އަވަހަށް ބަޖެޓުގެ ކަންކަން ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ބަޖެޓު މި ހުށަހަޅަނީ ދިވެހި ސަރުކާރުގެ ފަރާތުން. ބަޖެޓު މި ފާސްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން. ދެން ރައްޔިތުންގެ މަޖިލީހުގައި މި ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅިފައިވޭ އަޅުގަނޑުމެންގެ އުންމިދަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ތިން ބާރުން ގުޅިގެން މަސައްކަތް ކުރައްވާ ބަޖެޓުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިމިގެންދާނެ މަގަކަށް ކަންކަން ބައްޓަންވެގެން ދިޔުން،" ފިރުޒުލް ވިދާޅުވި އެވެ

ފިރުޒުލް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަންކަން ހިމެނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވަނީ ހަނި ފުރުސަތެއްކަން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

އެގޮތުން އަންނަ ބަޖެޓުގެ ތެރޭގައިވެސް މައިގަނޑު ގޮތެއްގައި ހިމެނިގެން އަންނަނީ ހިނގަމުންދާ ސަރުކާރުގެ ތެރެއިން ހިނގަމުންދާ މަޝްރޫއުތަކާއި ތަރުތީބުވެގެން އަންނަ މާލީ ޒިންމާތައްކަން ފާހަގަކުރެއްވި އެވެ.