މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

އިންތިގާލީ ކޮމިޓީތަކުގެ އެންމެންނަށް ސިޔާސީ މަގާމެއް ނުދޭނެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާނީ އިންތިގާލީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާ ގޮތަށް ނިންމިފައިނުވާ ކަމަށެވެ.

އެ ގޮތުން އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުން އެ ދާއިރާއެއްގެ ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާ ގޮތަށް ނިންމިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ނުގުތާއަކީ އިންތިގާލީ ކޮމިޓީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނެއް ނޫނޭ ކޮންމެހެން އެ ދާއިރާއެއްގެ، މުޒާރާތަކަށް ނުވަތަ މުއައްސަސާތަކަށް ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާނީ. އެގޮތަށް ކޮންމެހެން ނިމިފައެއް ނެތް،" ފިރުޒުލް ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާނެ ކަމަށް އަބަދުވެސް ބެލެވިފައި އޮންނަ ކަމަށާއި ނަމަވެސް އެ ގޮތަށް ނިންމިފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ. އާންމު ގޮތެއްގައި ކޮމެޓީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާމެދު އޮންނަ ސްޕެކިއުލޭޝަނެއް އެއީ. އެހެން ނަމަވެސް އެއީކީ އަޅުގަނޑު ހިތުން އަދި އެގޮތަށް ގަބޫލުކުރަންޖެހޭ ސަބަބެއް ނޫން. އެގޮތަކަށް ނޫން ނިންމިފަ އޮތީ،" ފިރުޒުލް ވިދާޅުވި އެވެ.