މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

ގޯއްޗާއި ފްލެޓް ހޯދަން ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކާ މެދު އަމަލުކުރާނެ ގޮތެއް ނުބުނި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމުގެ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ ފޯމުތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ނުވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރުގައި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ. މިފުރުސަތު ހަމަވިއިރު ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު ފްލެޓަށް 21،247 ފޯމު ހުށަހަޅާފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ ދެވަނަ ބުރުގައި ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށެވެ. އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ ދެވަނަ ބުރުގައި ދޫކުރާ ފްލެޓްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މިސަރުކާރުގެ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމުގެ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ ފޯމުތަކާ މެދު މުއިއްޒު އަމަލުކުރައްވާނީ ކިހިނެއްތޯ އައްސަވާފަ އެވެ.

ޖަވާބުގައި ފިރުޒުލް ވިދާޅުވީ ދެވަނަ ބުރުގެ ފޯމުތަކާ މެދު އަމަލުކުރައްވާނެ ވަކިގޮތެއް އަދި ނުނިންމަވާ ކަމަށެވެ. ނަމަވެސް އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށްޓަކައި ކަމާ ގުޅޭ ބޭފުޅުންނާ އެކު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން [ފުރަތަމަ ބުރުގައި] ޝާއިއު ކުރެވިފައި އޮތް ލިސްޓަށް. ފަހުން ކުރި އިއުލާނާ ގުޅޭ އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އިތުރު މަޝްވަރާތައް ހިންގަމުން އެބަގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފިރުޒުލް އަދި ވިދާޅުވީ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަޝްވަރާތައް މިވަގުތު ހިނގަމުންދާތީ އެކަމާ ގުޅޭ އިތުރު ތަފްސީލް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވެވި އެންމެ ބޮޑު ޔަގީންކަމަކީ މިސަރުކާރުން އެއްވެސް މީހަކަށް ދީފައިވާ ގޯއްޗެއް އަދި ފްލެޓެއް އަތުނުލައްވާނެ ކަމުގެ ޔަގީންކަމެވެ. އަދި ސިޔާސީ މަގާމެއް ފިޔަވާ އެހެން މަގާމެއްގައި ހުންނެވި މީހަކުވެސް މަގާމުން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.