ދިވެހި ބަހުގެ އެކެޑަމީ

އަދަބީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުމުގެ ދަންފަޅިތަކެއް ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންގޮސްފި

މިއަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27 ވަނަ ޤައުމީ މުބާރާތާ ގުޅިގެން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ދަންފަޅިތަކެއް ބާއްވައިފި އެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތު ދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް އަޙްމަދު ހާޝިމެވެ. މި ދަންފަޅީގައި 100 އަށް ވުރެ ގިނަ ސްކޫލުން ބައިވެރިވެފައިވެ އެވެ.

ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތު ދެއްވީ ކުޅަދާނަ ވާހަކަލިޔުންތެރިޔާ މުޙައްމަދު ޤާސިމެވެ. މި ދަންފަޅީގައި 90 އަށް ވުރެ ގިނަ ސްކޫލުން ބައިވެރިވެފައިވެ އެވެ.

ޅެންހެދުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތު ދެއްވީ ކުޅަދާނަ ޅެންވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދެވެ. މި ދަންފަޅީގައި 50 އަށް ވުރެ ގިނަ ސްކޫލުން ބައިވެރިވެފައިވެފައިވެއެވެ.

މި މުބާރާތްތަކަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތްތަކެކެވެ. މި މުބާރާތްތައް ކުރިއަށް ދާނީ މުބާރާތްތަކުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، ތިބެގެން އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ވަގުތުން ލިޔާ ގޮތަށެވެ.

މި އަހަރުގެ މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތުގައި 999 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އަދި ކުރުވާހަކަލިޔުމުގެ 36ވަނަ ގައުމީ މުބާރާތުގައި 931 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މީގެއިތުރުން ޅެންހެދުމުގެ 27 ވަނަ ޤައުމީ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި އަހަރުގެ އަދަބީ މުބާރާތްތަކުގައި މުޅި ރާއްޖޭން 96 ސްކޫލަކުން 2340 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އަމިއްލަ ފަރާތްތަކުން 83 ފަރާތާ އެކު މި މުބާރާތްތަކުގައި ޖުމުލަ 2423 ފަރާތަކުން ބައިވެރިވެފައިވެ އެވެ.