ވިޔަފާރި

ފަސްކުރި، ހުޅުމާލޭ ނައިޓްމާކެޓް އަހަރުގެ ކުރީކޮޅު ބާއްވަނީ

ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގުޅިގެން ހުޅުމާލޭގައި ބާއްވާ ނައިޓް މާކެޓް މިއަހަރު ކުރީ ކޮޅު ބާއްވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވެއްޖެ އެވެ.

ކުރިން ބުނެފައިވާ ގޮތުން ހުޅުމާލޭގައި ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ މަހު 10 އެއްގަ އެވެ. ނަމަވެސް ފަހުން ވަނީ ވަކި ތާރީހެއް ނެތްގޮތަށް ނައިޓްމާކެޓް ބޭއްވުން ފަސް ކޮށްފަ އެވެ.

އެކަމާ ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން ސައިމަން ވިދާޅުވީ ހުޅުމާލޭ ނައިޓް މާކެޓު ވަރަށް ރަނގަޅު ގޮތަކަށް އިންތިޒާމު ކޮށްގެން ނޫނީ އޭގެ ދަތިކަން ވިޔަފާރިވެރިންނަށް އަތުވެދާނެ ކަމަށާއި އެހެން ކަމުން މާކެޓް ބޭއްވުމަށް ހޯދަން ޖެހޭ ހުއްދަތަކާއި ވާންޖެހޭ ތައްޔާރީތައް ވެ ނިމުމުން ނައިޓު މާކެޓް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ރާވައިފާވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ނައިޓު މާކެޓް ބޭއްވުމަށް. ނަމަވެސް މިހާރު އެތާނގައި ވަރަށް ބައިވަރު ޑިވެލޮމްޕަންޓުގެ މަސައްކަތް ކުރަމުން އަންނާނެތީ އެކަމަށް ހުރަސް ނޭޅޭނެ ކަހަލަ ގޮތަކަށް ފުރިހަމައަށް އިންތިޒާމް ކުރުމަށް ފަހު އިރާދަ ކުރެއްވިއްޔާ މިއަހަރު ކުރީކޮޅު ނައިޓް މާކެޓް ބާއްވާނަން،" ސައިނަމް ވިދާޅުވި އެވެ.

ސެންޓްރަލް ޕާކްގެ ފުރަތަމަ ބައި ނިންމަން މަސައްކަތް ކުރަނީ ޖެނުއަރީގެ ނިޔަލަށް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއެކު އެޗްޑީސީ އިން ބާއްވާ ނައިޓްމާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މި ނައިޓް މާކެޓުގައި ހަތަރު ސައިޒެއްގެ ޖާގަ ވިއްކާނެ އެވެ. އެގޮތުން އެ ގޮތުން 10 ފޫޅުގެ ސްޓޯލެއް ވިއްކަނީ 1،500ރ. އަށެވެ. އަދި 20-15 ފޫޓުގެ ޖާގައެއް ވިއްކަނީ 6،000ރ. އަށެވެ.