ރާއްޖޭން މުޅިން އަލަށް ވައިޓް ސްޓޯކް ދޫންޏެއް ފެނިއްޖެ އެވެ.
ލ. ހިތަދޫން މިދޫނި ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ސްޓޯކް އާއިލާގެ އެންމެ ބޮޑު ދޫންޏެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ވައިޓް ސްޓޯކެއް މީގެކުރިން ރާއްޖޭން ފެނިފައިވާ ކަން އެނގިފައި ނުވާ ކަމަށެވެ
ވައިޓް ސްޓޯކް އަކީ ހަށިގަނޑުގެ ބޮޑު ބައި ހުދުކުލައިގައިވާ ދޫންޏެކެވެ. މިދޫނީގެ ފިޔަގަނޑުގައި ކޮންމެވެސް ވަރަކަށް ކަޅުކުލަ ހުރެ އެވެ. ފަޔާއި ތުން ހުންނަނީ ރަތް ކުލައިގަ އެވެ.
އީޕީއޭ އިން މައުލޫމާތުދޭ ގޮތުގައި ވައިޓް ސްޓޯކް އަކީ ފިނި މޫސުމުގައި ދެކުނު އިންޑިއާ އިން އަދި މަދުން ނަމަވެސް ލަންކާ އިން ފެންނަ ދޫންޏެކެވެ.
ވައިޓް ސްޓޯކް އާންމުކޮށް ފެންނަނީ އުތުރު އެފްރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ. ވައިޓް ސްޓޯކްގެ އާބާދީ މިހާރު އެންމެ ގިނައީ ސްޕެއިން، ޕޮލެންޑް އަދި ބޮލްޓިކް ސަރަހައްދުގަ އެވެ.
ވައިޓް ސްޓޯކް އާންމުކޮށް ކަނީ ކުދި މެމަލްސްއާއި ކުދި މަހާއި ރެޕްޓައިލްގެ ބާވަތްތަކާއި އަދި ބައެއް ފަހަރު ދޫނީގެ ބިހެވެ.