އީޕީއޭ

ހުޅުމާލެ ފަރަށް އެރި އުޅަނދުތަކުގެ ވެރިފަރާތް 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ހުޅުމާލޭ ފަރަށް އެރި ޓަގުބޯޓާއި ހިލަ ބާޖުގެ ވެރިފަރާތް 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ހުޅުމާލޭ ފަރަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެރި ޓަގުބޯޓާއި ބާޖު ފަރުމަތިން ނެގީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.

މި އުޅަނދުތަކަކީ ދުބާއީގެ ޝިޕްމަންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ދަ މިޑްލްއީސްޓް މެރިން އެލްއެލްސީ އިން އޮޕަރޭޓް ކުރަމުންދިޔަ އުޅަނދުތަކެކެވެ.

އެންވަޔަރަންމަންްޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް އުޅަނދުތަކުގެ ވެރިފަރާތުގެ ސާވޭޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ހިންގާފައިވާ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ފަރަށް އަރާފައިވާ ސަރަހައްދުގެ 1،159 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ ގެއްލުންތަކަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ އަދަދަކީ 29،201،946 ރުފިޔާ ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.

ދަ މިޑްލްއީސްޓް މެރިން އެލްއެލްސީއަށް އީޕީއޭ އިން ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ފައިސާ ދެއްކުމަށް އަންގާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.