އީޕީއޭ

ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުމަކާ ގުޅިގެން އުޅަނދެއް ޖޫރިމަނާކޮށްފި

May 4, 2022

ހުޅުމާލޭގެ ފަރުގެ ސާވޭއެއް ހަދަމުން ދަނިކޮށް ފަރަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން "އޯޝަން ސާވެޔާ" ކިޔާ އުޅަނދެއް ޖޫރިމަނާކޮށްފި އެވެ.

އޯޝަން ސާވެޔާ އުޅަނދު ބޭނުންކޮށްގެން ސާވޭ ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ އިރުމަތީ ފަރާތު ފަރު ބޭރުގަ އެވެ.

އުޅަނދު ޖޫރިމަނާކުރީ ސާވޭގައި ބޭނުންކުރަމުން ދިޔަ ސިސްޓަމްގެ ޕޯލާއި އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހުނު ކަމަށް ސާވޭ ކުރި ފަރާތުން އެންވަޔަރަަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ހިއްސާކުރި ލިޔުންތަކުގައި ބުނެފައިވާތީ އެވެ.

އީޕީއޭ އިން އޯޝަން ސާވެޔާ ޖޫރިމަނާކުރީ 198،112.73 ރުފިޔާ އިންނެވެ. ފައިސާ ދައްކަން ދީފައިވަނީ އެއް މަސް ދުވަހެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް އުޅަނދުގެ ދިވެހި އެޖެންޓް -- އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިހާރު ވަނީ އަންގާފަ އެވެ.

އޯޝަން ސާވެޔާ ޖޫރިމަނާކުރުމުގެ ކުރިން އީޕީއޭ އިން ވަނީ ކޯސްޓްގާޑްގައި މަސައްކަތް ކުރާ ފަންނީ ސިފައިންނާ ގުޅިގެން ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތައް ދެނެގަނެފަ އެވެ.

ސިފައިންގެއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު ހަދާފައިވާ ސާވޭ އިން އެނގުނު ގޮތުގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އީޕީއޭ އިން ފާހަގަކޮށްފައިވެ އެވެ.