މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގެންދާނަމަ ޓޫރިސްޓުން އުފުލާ އުޅަނދުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި އުޅޭ ސަމްފާ ސަރަހައްދަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 140 ކިލޯމީޓަރުގެ ސަރަހައްދެކެވެ

ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަމްފާ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެންދާ އުޅަނދުތަކުން ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕްރޮޕެލާ ގާޑު އެޅުވުން އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ވަނީ ލާޒިމްކޮށްފަ އެވެ. އަދި އެހެން އުޅަނދުތަކުގައި ކުރިއަށް އޮތް 12 މަސް ތެރޭގައި އެހެނިހެން އުޅަނދުތަކުގައި ގާޑު ހަރުކުރަންޖެހެ އެވެ.

ސަމްފާ ސަރަހައްދާ ސްނޯކަލް އަދި ޑައިވިންއަށް ދާ އުޅަނދުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގައި ރަޖިސްޓަރީ ކުރަންވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އަލަށް ހެދި އުސޫލުގައިވާ ގޮތުން އެ ސަރަހައްދަށް އެއް ފަހަރާ ފޭބޭނީ ގިނަވެގެން 60 މީހުންނަށެވެ.