އީޕީއޭ

ބިން ހިއްކުން މަޑުޖައްސާލުމުގެ އެންގުން އުވާލައިފި

ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ ބީޗް ނަރިޝްމަންޓާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިދިޔަ މެއި މަހު އެންގި އެންގުން އުވާލައިފި އެވެ.

ގާ ހުދުވުމުގެ މައްސަލަ މިދިޔަ މެއި މަހުގެ ތެރޭގައި ދިމާވުމާ ގުޅިގެން ބީޗް ނަރިޝްމަންޓާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް 30 ދުވަހަށް މަޑުޖައްސާލުމަށް އެޗްޕީއޭ އިން އެންގީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.

އީޕީއޭ އިން މިއަދު ބުނީ ގާ ހުދުވުމުގެ މައްސަލައަށް މުޅިން ހައްލެއް ލިބިފައިނުވި ނަމަވެސް ރާއްޖެ ވަނީ އެލާޓް ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ.

އެހެންވެ އީޕީއޭ އިން ބުނީ ބިން ހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫއުތަކުގައި މޫދާއި ފަރު ހިމެނޭ ސަރަހައްދުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރެވޭނެ ކަމަށެވެ. އެކަމަކު މިވަގުތަށް ކޮންމެހެން ކުރަންނުޖެހޭ އެހެން ހުރިހާ މަސައްކަތެއް އޮގަސްޓް މަހުގެ 31 ވަނަ ދުވަހަށް ފަހު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

"ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން،" އީޕީއޭގެ އިއުލާނުގައިވެ އެވެ.

އެންވަޔަރަމެންޓް މިނސްޓަރު ތޯރިގު އިބްރާހީމް މީގެ ކުރިން ވިދާޅުވީ ގާ ހުދުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި ރާއްޖެއަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއްވެސް ނޫން ކަމަށެވެ. އަދި މިއަހަރު ގާ ހުދުވުމުގެ މައްސަލަ ޕެސިފިކް، އެޓްލާންޓިކް، އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގިނަ ގައުމުތަކަށް ކުރިމަތިވި ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1998 ވަނަ އަހަރު އެވެ. އޭގެފަހުން 2016 ވަނަ އަހަރުވެސް ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ދިމާވި އެވެ. އެފަހަރު ރާއްޖޭގެ ވެށީގައި ހުރި މުރަކާ އާއި ގަލުގެ 73 އިންސައްތަ ހުދުވި އެވެ. ރާއްޖޭގައި ފަރުތަކުގައި ހުންނަ ގާ ހުދުވި ނަމަވެސް ރާއްޖޭގެ ފަރުތައް އަލުން އިއާދަވުން އަވަސް ކަމަށާއި އެކަމަކު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް އިއާދަވުން ލަސްވެދާނެ ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.