ހުޅުމާލެ ރައްޔިތުން ހައްދާފައިވާ ގަސްތައް ރައްޔިތުންގެ ބަހެއް ނެތި ކަނޑާ ނަގަމުން ގެންދާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި އެކަން ހުއްޓާލުމަށް ވަނީ އެދިފައެވެ.
ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލު ކުރައްވާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލެ ރައްޔިތުން އެ މީހުން ދިރިއުޅޭ ގޭގެ ކުރިމަތީގައި ހައްދާފައިވާ ގަސްތައް އެޗްޑީސީން ނަގަމުން ގެންދަނީ އާންމުންގެ ބަހެއް ނެތި ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެޗްޑީސީން ކަން ކުރަމުން ގެންދާ އުސޫލުން އެކަން ކުރުން ހުއްޓާލުމަށް ސިޓީ ކައުންސިލުން ރަސްމީކޮށް އެ ކުންފުނީގައި ދަންނަވާފައިވާނެ ކަމަަަށެވެ. އަދި މިފަދަ ކަމެއް ކުރުމުގެ ކުރީން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި އެއްވެސް ކަމެއް ހިންގާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭތީ އެ އުސޫލުން ކަން ކުރުމަށްވެސް ޝުޖާއު ގޮވާލެއްވިއެވެ.
ހުޅުމާލޭގެ ރައްޔިތުން އެ މީހުންގެ ގޭގެ ކުރިމަތީ ހައްދާފައިވާ ދަނޑުވެރިކަމުގެ އެތައް ގަހެއްވެސް މީގެ ކުރީން އެޗްޑީސީން ނަގާފައިވެއެވެ. އެކުންފުނިން އޭރު ބުނީ އެ ގޮތަށް ގަސް ނުހެއްދޭނެ ކަމަށާ އެއީ މަނާ ކަމެއް ކަމަަށެވެ.
އެޗްޑީސީން މިހާރު ގެންދަނީ ހުޅުމާލެ މައި މަގުގައި އާންމުން ހައްދާފައިވާ ބައެއް ގަސްތައް ނަގަމުންނެވެ. އަނބާއި ޖަބުރޯލު އަދި ބަބުކެޔޮ ފަދަ ބޮޑެތި ގަސްތައް ނަގަމުންދާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.