ހުޅުމާލޭ ދެވަނަ ފިވަހީގައި ޑިންގީ އަޅާ ސަރަހައްދު އެޗްޑީސީން ސާފުކޮށްފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް ޓޫ ގައިވާ ޑިންގީ އަޅާ ސަރަހައްދު އެޗްޑީސީން އިސްނަގައިގެން ސާފު ކޮށްފައި ކަމަށެވެ. އަދި ހުޅުމާލޭގެ ހިތްގައިމުކަން ދެމެހެއްޓުމަށް އެޗްޑީސީން ދަނީ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުން ކަމަށެވެ.
އެޗްޑީސީން ޑިންގީ އަޅާ ސަރަހައްދު މިއަދު ސާސާފުކޮށްފައިވާ މިވަނީ އެތަނުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އަދި އެކި ބާވަތު ކުނި ލައްވެ ހަޑިވެފައިވާތީ އާންމުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މީގެ ހަފްތާއެއް ކުރިން އެ ސަރަހައްދުގެ ފޮޓޯއެއް ހިއްސާކޮށް ހުޅުމާލޭގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އޭނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރުން ބުނާ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.
ހުޅުމާލޭ ސާފު ކުރުމަކީ އެޗްޑީސީގެ ޒިންމާ އެކެވެ. އެޗްޑީސީގެ އަތުން ހުޅުމާލެ ބެލެހެއްޓުމުގެ ޒިންމާ މާލެ ސިޓީ ކައުންސިލުން ނަގަން ބޭނުން ވިޔަސް އެކަމަށް އެޗްޑީސީން އެއްބަސް ނުވާ ކަމަށް ޝުޖާއު މީގެ ކުރިން ވިދާޅުވި އެވެ.