ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ސޮނެވާގެ ރިސޯޓަކުން ވިލާއެއް ވިއްކަން އެ ކުންފުނިން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
"ދަ މޯލްޑިވްސް ޖާނަލް" ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ސޮނެވާގެ ރިސޯޓަކުން ވިލާއެއް ވިއްކަން އެ ކުންފުނިން އެއްބަސްވެއްޖެ ކަމަށެވެ. މަހިންދަ އާއިލާއިން ސޮނެވާގެ ވިލާއެއް ގަންނަނީ ރައްކާތެރި ސަރަހައްދެއްގައި ހުންނަވަން ޖެހިވަޑައިގަންނަވާއިރު އެކަމަށް މަގުފަހި ކުރެެއްވުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން މި އެއްބަސްވުމުގެ މެދުވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު މިހާރު ހުންނެވީ ސްރީލަންކާގައެވެ. އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ބިޔަ ކާރިސާއިން އަރައިގަތުމަށް ދުނިޔޭގެ އެހީ ހޯދުމުގެ އިސް ކޯޑިނޭޓަރަކަށް ނަޝީދު ވަނީ ހަމަޖައްސަވާފައެވެ. އެމަނިކުފާނު ވަނީ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް އާވެސް ބައްދަލު ކުރައްވާފައެވެ.
"ދަ މޯލްޑިވްސް ޖާނަލް" ގައި އާންމުކޮށްފައިވާ ރިޕޯޓް ދޮގުކޮށް ސޮނެވާ އިން މިއަދު ބުނީ އެ ރިޕޯޓްގައި ހިމެނޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެ ކުންފުނިން ހިންގާ ރިސޯޓެއްގެ ވިލާއެއް ވިއްކުމާއި ގުޅޭގޮތުން މަހިންދަ ރާޖަޕަކްސަގެ އާއިލާއާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ. އެފަދަ އެއްވެސް ނިންމެއް ނިންމާފައިނުވާ ކަމަށްވެސް ބުންޏެވެ.
އަދި އެފަދަ ހަގީގަތް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ރައީސް ނަޝީދާ ގުޅޭގޮތުން "ދަ މޯލްޑިވްސް ޖާނަލް" ގައިވާ ވާހަކަތައް މަޖިލީހުގެ އިދާރާއިންވެސް ވަނީ ދޮގުކޮށްފައެވެ.
އެ މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ މަސައްކަތްޕުޅަކީ ލަންކާއަށް އެހީ ހޯއްދެވުން ކަމަށާ އިތުރު ދައުރެއް ނެތް ކަމަށެވެ. އަދި ސްރީލަންކާއަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް ނަޝީދަށް ކުރެވެން ހުރި ހުރިހާ މަަަސައްކަތެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ.
"އެ ގައުމުގެ އެތެރޭގެ ކަންކަން ހަމަޖެއްސުމަކީ ލަންކާ ރައްޔިތުންގެ ކަމެއް،" މަޖިލީހުން ބުންޏެވެ.