ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު، ރާޖަޕަކްސައާ ބައްދަލުކުރައްވައިފި

Jan 17, 2022
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން މިއަދު މެންދުރެއްހާއިރު ކުރިއަށް ދިޔައީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.

މިބައްދަލުވުމުގައި ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާ އިން އަދި ލަންކާ ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް ނަޝީދު އިއްޔެގެ ވަގުތެއްގައި ސްރީލަންކާ އަށް ވަޑައިގެންނެވީ ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި މަހުގެ 16 އިން 18 އަށް ނަޝީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ ފަސްވަނަ ސްރީ ލަންކާ ޔޫތު ޕާލިމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ސެޝަނަކީ ސްރީލަންކާގެ ޒުވާނުންގެ ކިބައިގައި ލީޑާޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނެޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަން އެކެވެ.

ރައީސް ނަޝީދު ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.