ރައީސް މުހައްމަދު ނަޝީދު

ލަންކާ މީހުންނާ އެކު ކޮޕް ސަމިޓަށް ދާން ޖެހުނު ގޮތް ސާފުކޮށްދީފި

ކުލައިމެޓް ޗޭންޖް ކޮންފަރެންސް -- ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ ތަމްސީލު ކުރެއްވި ސަބަބު ސާފުކޮށްދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ލަންކާއާ އެކު މަސައްކަތް ކުރެއްވުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެން ހުށަހެޅި އެއް ހުށަހެޅުމަކީ ސީވީއެފް، އެއީ ކްލައިމެޓް ވަނަރަބަލް ފޯރަމުން ސްރީލަންކާއަށް ހުށަހަޅައި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭނެއް، މި ޕްލޭނަކީ އެއަށް އަމަލުކުރީމާ ތަނަވަސްކަން ލިބިގެންދާނެ ގައުމަށް އަދި ރައްޔިތުންނަށް." ނަޝީދު ވިދާޅުވި އެވެ.

އެ ޕްލޭންގެ ސަބަބުން މާހައުލާއި ތިމާވެއްޓަށް ގެއްލުން ކުޑަކޮށް، ތަަރައްގީގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ. ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ލަންކާއިން އެ ޕްލޭން ހެދި ކަމަށާއި ޕްލޭން ލޯންޗްކުރުން އޮތީ ކޮޕް ސަމިޓުގައި ކަމަށް ވިދާޅުވި އެވެ.

"އެ ޕްލޭން ލޯންޗްކުރުމަށް ރައީސް އަރިހުގައި [ލަންކާގެ ރައީސް ރަނިލް] އަޅުގަނޑު ކައިރީގައި އެދުމުން، އަޅުގަނޑު ޕްރެޒިޑެންޓް ރަނިލް އަރިހުގައި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން އެމަނިކުފާނުގެ އަރިހުގައި ކޮޕް ސަމިޓްގައި މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެމަނިކުފާނަކީ ބައިނަލްއަގްވާމީ ބޭފުޅެއް ކަމަށާއި ރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އަބަދުވެސް އެދެނީ ރާއްޖެއަށް އެންމެ ރަނގަޅަށް ކަންތައްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވާން އޮތް ކަމެއް ވެއްޖިއްޔާ އެހެން މީހަކަށް ކޮށްދިނުން އެއީ ބޭނުންތެރި ކަމެއް،" ކޮޕް ސަމިޓްގައި ލަންކާ ތަމްސީލް ކުރެއްވި ގޮތް ސާފުކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ކޮޕް ސަމިޓްގައި ލަންކާ ތަމްސީލް ކުރުމުގައި ބަލަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ މިންވަރު ކަމަށާއި ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް ކަމެއް ހިނގާނަމަ މަޖިލީހުގެ ކައުންސިލް ޖެނެރަލް އެކަމެއްގައި އަމަލުކުރައްވަންވީ ގޮތް ވިދާޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ކަމެއް ކުރައްވައިގެން ކައުންސިލް ޖެނަރަލް އެކަމެއއް ފާހަގަކުރައްވާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިސްރުގައި ކުރިއަށް ދިޔަ ކޮފް ސަމިޓުގައި ނަޝީދު ސްރީލަންކާ ތަމްސީލު ކުރެއްވުމުން ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން ބައެއް ބޭފުޅުން ވިދާޅުވީ އެއީ ގާނޫނުއަސާސީއާ ހިލާފަށް ނަޝީދު ކުރެއްވި ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.