ފަޒްނާ އަހުމަދު

މެޑަމް ފަޒްނާ ޑަބްލިއުއެޗްއޯގެ މަންދޫބާ ބައްދަލުކުރައްވައިފި

May 24, 2022

ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. ނާޒްނީން އަންވަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދާ ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުކުރީގެ ވަގުތެއްގައި ދެ ބޭފުޅުން ބައްދަލުކުރެއްވީ ރިޔާސީ ގަނޑުވަރު -- މުލިއާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތް އީސްޓް އޭޝިއާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން ވާޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވީތީ ޝުކުރުއަދާކުރެއްވި އެވެ.

މެޑަމް ފަޒްނާ ވަނީ ދިވެހި މުޖުތަމައުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މި މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ތައުލީމީ މުގައްރަރުގައި މިކަންކަމާ ބެހޭ މައުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމައުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ޑރ. ނާޒްނީން އަންވަރުގެ ވާހަކަފުޅުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައިވެ އެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީގެ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ހައްލުކޮށް ފިޔަވަޅު އެޅުމުގައި މެޑަމް ފަޒްނާއާ އެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވެވި އެވެ. ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުން އިސްކަންދެއްވާ މުހިއްމު ކަންކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.