ޑަބްލިޔޫއެޗްއޯ

ވޭޕް މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯ އިން މަރުހަބާ ކިޔައިފި

ވޭޕް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.

ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ސަރަހައްދުގެ އޮފީހުން ބުނީ ޒުވާނުންގެ މެދުގައި ވޭޕް ކުރުން އާންމުވެފައި އޮތީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. އެހެންވެ ވޭޕް މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ހަދާފައިވާ ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 23.1 ޕަސަންޓް ފިރިހެން ކުދިން އަދި 10.7 ޕަސަންޓް އަންހެން ކުދިން އީ ސިނގިރޭޓް ބޭނުން ކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ބާވަތަކީވެސް ގެއްލުން ހުރި އަދި ކެންސަރާއި، ކާޑިއޯ ވެސްކިއުލަ ބަލިތަކާއި، ދިގުމުއްދަތުގެ ފުއްޕާމޭގެ ބަލިތަކާއި، ހަކުރުބަލި ފަދަ ބަލިތަކަށް ނުރައްކާ ބޮޑު ކުރާ އެއްޗެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.