ކަނޑުމަތީގެ ހާދިސާ

ލަކުޑި ބަރުކޮށްފައި އޮތް ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް

May 25, 2022
1

ލަކުޑި ބަރުކޮށްގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ސަފާރީއެއްގައި ޖެހި ދޯނި އަޑިއަށް ހިނގައްޖެ އެވެ.

މިއަދު ހެނދުނު 11:20 ހާއިރު ހިނގި އެކްސިޑެންޓްގައި އަޑިއަށް ދިޔައީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ކުރާ ޓިމްބާ ހައުސްގެ "ހުވަނދުމާ 2" ދޯންޏެވެ.

ތިލަފުށިން ފުރައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ދޯނި ޖެހުނީ "ޔަސަވާ ޕްރިންސެސް" ކިޔާ ސަފާރީއެއްގަ އެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ލަކުޑިއަރުވާ ބަރުކޮށްފައި އޮތް ދޯނި ވަރަށް ބޮޑަށް ހަލާކުވެ އަޑިއަށް ދިޔަ ނަމަވެސް އެ ދޯނި މިހާރު ވަނީ ޓީޖެޓީ ސަރަހައްދަށް ވައްދާފަ އެވެ.

އެކްސިޑެންޓްވުމާ އެކު ދޯނީގައި ހުރި ބައެއް ލަކުޑިތައް މޫދަށްް އެޅި އޮޔާދާތީ މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.