ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުގެ ގާނޫނު ވުޖޫދަށް އައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެގެން ގޮސްފައި ވަނިކޮށެވެ. ބޮޑެތި އަދަބުތަކަކާ ހަރުކަށި އުސޫލުތަކެއް ހިމަނައި، 2009 ގައި އަމަލުކުރަން ފެށި އެ ގާނޫނު އައުމާ އެކު ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ވެސް ބުނަމުން ދިޔައީ އެ ގާނޫނުން ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.
އެއީ ތެދެކެވެ. އެ ގާނޫނުގެ ދަށުން އެދެވޭ ރަނގަޅު ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. ހަމައެއާ އެ ގާނޫނުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަ ކުރަންޖެހެ އެވެ.
އެ ގާނޫނުގެ 47 ވަނަ މާއްދާ ބުނާގޮތުން އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާއާ މީހަކު ބެހިފައި ހުރިކަން އަންގައިދޭ ލިޔުމަކީ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެކެވެ. އަދި އެ ވާހަކަތައް އެ ކުއްޖާ އެހެން މީހަކަށް ކިޔައި ދިނުމުން އެ މީހަކު ދޭ ޝަރީއަތަށް ދޭ ބަޔާނުގެ އިތުރުން ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާތަކަކީ ވެސް ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް އެ ގާނޫނު ބަލަ އެވެ.
މީގެ އިތުރުން ވެސް ހެކީގެ ގޮތުގައި ބެލެވޭނެ ބައެއް ތަކެތި ގާނޫނުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރެއިން ފަސް ހެއްކެއް ލިބިއްޖެ ނަމަ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ކުށް ސާބިތުވީ ކަމަށް ބަލަންޖެހެ އެވެ. ގާނޫނީ ބައެއް ބޭފުޅުންގެ ކަންބޮޑުވުން އަންނަ ހިސާބަކީ މިއީ އެވެ.
އެއް ވަކީލަކު ވިދާޅުވި ގޮތުގައި އެ ގާނޫނުގައި ބުނާ ހެކީގެ ތެރޭގައި ޝަރުއީ ހަމަތަކުން ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެ ހެކިތައް ވެސް އެބަހުއްޓެވެ. އެގޮތުން އެ ވަކީލު ފާހަގަ ކުރެއްވީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާއާ މީހަކު ބެހިފައި ހުރި ކަމަށް ބުނާ ލިޔުން ހެކީގެ ގޮތުގައި ބަލައިގަތުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ލިޔުންތަކުން ތުހުމަތު ކުރެވޭ މީހާއާ އެ ކުށަކާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އޭނާ ވިދާޅުވީ އެ ލިޔުމަކީ މީހަކު އެ ކުއްޖާއާ ބެހިފައި ހުރިކަން އަންގައިދޭ ލިޔުމެއް ކަމަށާއި އެ ކުއްޖާއާ ބެހުނީ ތުހުމަތު ކުރެވޭ މީހާ ކަން ނުވަތަ ނޫން ވެސް އެ ލިޔުމުގައި އެނގެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް މީހަކަށް ހަމަލާދީފިއްޔާ އެ މީހާގެ މެޑިކޯ ލީގަލް ރިޕޯޓުގައި އޮންނާނެ އެ ހަމަލާގެ ސަބަބުން ހަށިގަނޑުގެ މިވެނި ގުނަވަންތަކަކަށް އަނިޔާވެފައި ހުއްޓޭ. އެކަމަކު އެ ލިޔުމެއްގައި ނޯންނާނެ ތުހުމަތު ކުރެވޭ މީހާއޭ ނުވަތަ ނޫނޭ އެ ހަމަލާ ދިނީ. އެހެންވެ އެފަދަ ލިޔުންތައް ކޯޓުތަކުން ބަލައިގަންނަނީ މުޅިން ވެސް ގަރީނާގެ ގޮތުގައި، އެކަމަކު މި ގާނޫނުގައި އެއީ ހެއްކެއް ކަމަށް ބަލާފައި މި އޮތީ." އެ ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އެގޮތަށް އޮތުމުގެ ސަބަބުން ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެ ލިޔުން ބޭނުންކުރަން ކޯޓަށް މަޖުބޫރުވެ އެވެ. މީގެ އިތުރުން ތުހުމަތު ކުރެވޭ މީހާއަކީ ކުރިން ކުޑަކުއްޖަކާ ބެހިފައި ހުރި މީހެއް ކަމަށް ވާ ނަމަ އެއީ ވެސް ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ބޭނުން ކުރެވޭ ހެއްކަކަށް ބެލުމުގެ އިތުރުން އެހެން މީހަކު ކައިރީގައި ކުޑަކުއްޖާ ބުނި ކަމަށް ބުނެ އެ މީހަކު ދޭ ހެކިބަސް ވެސް ބަލައިގަންނަ ގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެފަދަ ކުށެއް ކުރިން ސާބިތުވެފައި އޮވެއްޖެ ނަމަ އެއީ ފަހުން ތުހުމަތު ކުރެވޭ އެ ކުށް ވެސް އޭނާ ކުރީ ކަމަށް ބަލާށޭ ގާނޫނު މި ބުނަނީ. އޭގެ މާނައަކީ އެއް ފަހަރު އެފަދަ ކުށެއް ކޮށްފައި އޮތުމަކީ ފަހުން ވެސް އެފަދަ ކުށެއް އޭނާ ކުރާނެ ކަމަށް ބަލަންޖެހޭ ސަބަބެކޭ، އެކަމަކު އެއީ ޝަރުއީ އުސޫލުތަކާ ޚިލާފް ކަމެއް." ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.
މިހާރުގެ މުޖްތަމައުގެ ވިސްނުމާއި އާދަކާދަ އޮންނަ ގޮތުން 18 އަހަރުން ދަށުގެ ކުދިން ވެސް އެ ކުދިންގެ ލޯބިވެރިންނާ އެކު ދެ މީހުންގެ ރުހުމުގައި އެފަދަ އަމަލުތައް ހިންގުމަކީ އާންމު ކަމަށްވީ ނަމަވެސް ގާނޫނު ބުނަނީ އެއީ ކުށެއް ކަމަށެވެ. އެހެން ކަމަށް ވާ ނަމަ އެ ކުށް ކުރުމުގައި ދެ މީހުންގެ ރުހުމުގައި "އެފަދަ ކަންތައްތަކެއް ހިންގުމަށް ފަހު" ފަހުން ދިމާވާ މައްސަލައެއްގެ ސަބަބުން އޭގެ ތެރެއިން ވަކި މީހަކު ގާނޫނީ ގޮޅިއަކަށް "ފައްތާލުމުގެ" ފުރުސަތު ގާނޫނުގެ ދަށުން މި އޮތީ ވަރަށް ފަހިވެފަ އެވެ. އަދި ކުޑަކުދިން ނިވައި ފަތްގަނޑަކަށް ބޭނުންކޮށްގެން ވަކި މީހަކު "ދުއްވާލަން" ވެސް އެ ގާނޫނުގެ ދަށުން ދޮރު ހުޅުވާލެވިފައިވާ ކަމަށް ބުނެވިދާނެ އެވެ.
ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި ގޮތުގައި ގާނޫނު އޮތްގޮތުން ކުޑަކުއްޖާގެ ރުހުމުގައި ޖިންސީ އަމަލެއް ހިންގުމަށް ފަހު އޭގެ އަހަރުތަކެއް ފަހުން ވެސް "ހަސަދައެއް ފިލުވާލުމުގެ ގޮތުން" އެ ކުއްޖާއާ އެކު އެ އަމަލު ހިންގި މީހާއަށް ވެސް އަދަބު ދިނުމުގެ ގޮތުން މައްސަލަ ހުށަހަޅައިގެން ކުށްކުރި މީހާއަށް އަދަބު ދޭން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ މައްސަލަ އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމަށް ފަހު ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެ ކުއްޖާ ދޭ ހެކިބަސް ގަބޫލުކުރުމަކީ ވަކިން ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"ދެ މީހުން ރުހުމުގައި އެކަމެއް ކުރުމަށް ފަހު ފަހުން ކުޑަކުއްޖާ މި ބުނަނީ ބެހުނީއޭ ނުވަތަ ގަދަކަމުންނޭ. ދެން އެ ހާލަތުގައި ނޯވޭ ތުހުމަތު ކުރެވޭ މީހާގެ ހައްގެއް. އޭނާއަކަށް ނެތް ދިފާއުގައި ބުނެވޭނެ އެއްޗެއް. އަދި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ އެ ކުއްޖާ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެ ކުއްޖާ ދޭ ހެކިބަސް ގަބޫލު ކުރާއިރު ވެދާނެ ހަމަ އެއީ ގަސްދުގައި ވެސް އެ ކުއްޖާ އެ މީހާއާ މެދު އޮތް ރުޅިވެރިކަމެއްގެ ސަބަބުން ދޭ ހެކިބަހަކަށް ވެސް." އެ ވަކީލް ވިދާޅުވި އެވެ.
މާދަމާގެ ޒުވާނުންނަށް ވާން ތިބި ކުޑަކުދިންގެ ހައްގުގައި ހެދި އެ ގާނޫނަކީ ވަރަށް ވެސް މުހިންމު ގާނޫނެކެވެ. އެ ގާނޫނު އައުމާ އެކު ފެންނަމުންދާ ނަތީޖާ ވެސް ރަނގަޅެވެ. ހަމައެއާ އެކު ބޮޑެތި އަދަބުތަކާ ހަރުކަށި އުސޫލުތަކުގެ ދަށުން ހަދާފައިވާ އެ ގާނޫނުގެ ބޭނުން ނާޖާއިޒް ގޮތުގައި ނެގުމުގެ ދޮރު އެ ގާނޫނުގައި ހުޅުވާލާފައިވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ގާނޫނަކީ އެންމެންގެ ލާބަ އާއި މަންފާއަށްޓަކައި ހަދާ އެއްޗެކެވެ. ވަކި ބައެއްގެ ހައްގުގައި އެހެން ބަޔަކާ މެދު ނުހައްގުން އަމަލު ކުރަން ފުރުސަތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.