އެމްޑީޕީ

އެމްޑީޕީ ޕީޖީގައި ފަސް ބިލެއް އެބައޮތް

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށައެޅުމަށް ނިންމާފައިވާ ފަސް ބިލެއް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު މިހެން ވިދާޅުވީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން 22 ބިލެއް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް މަޖިލީހަށް ލިބިފައިވަނީ އެންމެ ދެ ބިލެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް އެކަނި ކަމަށެވެ.

މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 17 މެއިގައި އޮތް ޖަލްސާގަ އެވެ. ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ 16 މެއިގައި އޮތް މަޖިީހުގެ ޖަލްސާގަ އެވެ.

އެކަމާއި ގުޅިގެން މެންބަރު ޝިފާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް ފޮނުވާ އަދި މަޖިލީހަށް ނުފޮނުވިވާ ފަސް ބިލެއް އެބައޮތް ކަމަށެވެ. މި ފަސް ބިލްވެސް ކުރިއަށް އޮތް ހަފްތާގައި މަޖިލީހަށް ހުށައަޅާނެ ކަމަށް ވިދާޅުވިއެވެ.

މިދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތައް

  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
  • ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބިލް
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އަދި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް ހާއްސަ ހަތަރު ބިލް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ހަތަރު ބިލާ އެކު ޝަރުއީ ނިޒާމަށް ދިމާވެފައިވާ ކަންކަމާ ގުޅޭގޮތުން ބަހުސްކުރެވި މުތޯލިއާ ކުރެވި އިސްލާހު ހުށަހެޅި ކަންކަން ރަނގަޅުކުރުމަށް މަޖިލީހުގެ މިދައުރުގައި ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.